ވިޔަފާރި

އުރީދޫ މޯލްޑިވްސް އަށް ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް

Oct 17, 2020

އުރީދޫ މޯލްޑިވްސް އަށް އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި ބައިނަލްއަގުވާމި ގިނަ އެވޯޑު ތަކެއް ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުންޏަށް ލިބިފައިވަނީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑުގެ އިތުރުން އޭޝިޔާ ޕެސިފިކް ސްޓީވީ އެވޯޑްސް އިން ފާހަގަކޮށްލެވޭ ގިނަ ވަނަ ތަކެކެވެ.

އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި ލިބުނު ވަނަތައް

  • ގޯލްޑް ސްޓީވީ - ކޮންޕެނީ އޮފް ދަ އިޔަރ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)
  • ސިލްވަ ސްޓީވީ - މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔާ ( 2500 މުވައްޒަފުނާއި ހަމައަށް)
  • ބްރޮންޒް ސްޓީވީ - މޯބައިލް ސައިޓް އެންޑް އެޕް (ވިޔަފާރި)
  • ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް

އޭޝިއާ ޕެސިފިކް އެވޯޑްސް އިން ލިބިފައިވާ ވަނަތައް

  • ގޯލްޑް ސްޓީވީ - އެވޯޑް ފޯ އިނޮވޭޝަން އިން އެޕްސް
  • ގޯލްޑް ސްޓީވީ - އެވޯޑް ފޯ އިނޮވޭޝަން އިން ކަސްޓަމާ ސާވިސް
  • ސިލްވަ ސްޓީވީ - އެވޯޑް ފޯ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ

މި އެވޯޑްތަކާ ބެހޭ ގޮތުން، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވި ގޮތުގައި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އާންމު ދިރިއުޅުމަށް އިތުރު ފަސޭހަކުމަށް ކުރަމުންދާ މަސައްކަތް ތަކަށް، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމިއުނިކޭޝަންސް ކުންފުނީގެ އެވޯޑް ލިބުމަކީ އުފަލެއް ކަމަށެވެ.

"ފާއިތުވީ އަހަރުގެ ތެރޭގައި އެކަނި ވެސް، އުރީދޫ އިން ވަނީ އުރީދޫގެ ނެޓްވޯކް އަދި ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކޮށްފަ. މީގެ އިތުރުން އެތަކެއް އީޖާދީ ހިދުމަތް ތަކެއް ވެސް ވަނީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފްކޮށްދީފަ. ޓެލެކޮމިއުނިކޭޝަންސްގެ ހިދުމަތްތަކުގެ އިތުރުން، އެމް-ފައިސާގެ ހިދުމަތާއި އީ-ކޮމާސްގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމުގެ ގޮތުން ލައިފްސްޓައިލް އެޕަކަށް އުރީދޫ އެޕް ވެސް ވަނީ ބަދަލުކުރެވިފަ،" ނަޖީބު ވިދާޅުވި އެވެ.

"މި ފުރުސަތުގައި އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދު ކުރަން. އަދި މި ހިތްވަރާއި އެކު އުރީދޫގެ ހިދުމަތްތައް އިތުރަށް ކުރިއަރުވާ، ބައިނަލްއަގުވާމީ ފެންވަރުގެ އައު އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން."

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއި އެއްގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލޮޖީ ތަރައްގީ ކުރަން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ވަނީ އެޗް-ޑީ ވޮއިސް ގެ ހިދުމަތާއި ވޮއިސް އޯވަ ވައިފައި ގެ ހިދުމަތާއިއެކު ކަސްޓަމަރުންގެ ކޯލް ކޮލިޓީ ވަރުގަދަކޮށްދީފަ އެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު އިންޓަނެޓް، އުރީދޫ ސުޕަރނެޓް ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 65 ޕަސެންޓަށް ވަނީ ފޯރުކޮށްދީފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ދަނީ ކުންފުނީގެ މުވައްޒަފުން، ކަސްޓަމަރުން އަދި ދިވެހި ރައްޔިތުންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އުރީދޫ ގްރޫޕާއި ގުޅިގެން ރާއްޖެއިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރު ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިން ކިޓް ހޯދުމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަންވަނީ ފޯރުކޮށްދީފަ އެވެ. ސަރުކާރާއި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.