ލައިފްސްޓައިލް

އަހަރު ވަންދެން ފާހަނާއެއްގައި ބަންދުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ގެވެށިއަނިޔާ އަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ގިނަ އަދަދެއްގެ އަންހެނުން ބަރުދާސްތު ކުރަމުންދާ ވޭނެކެވެ. މިފަދަ ވަރަށް ގިނަ ވާހަކަތައް ވަރަށް ގިނައިން އެކި ނޫސްތަކުން ފެނެ އެވެ. އަދި ކޮރޯނާވައިރަހުގެ ސަބަބުން ގައުމުތައް ލޮކްޑައުންއަށް ގޮސް ގޭގައި އެންމެން ބަންދުވެގެން ތިބެން ޖެހުމުން މި މައްސަލަ އެތައް ގުނަޔަކަށް އިތުރުވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އިންޑިޔާގެ ހަރްޔާނާ ސްޓޭޓްގެ ޕާނީޕަތު ކިޔާ ރަށެއްގެ ރިޝްޕޫރު އަވަށުގެ އަންހެނަކަށް ވެސް މިފަދަ މައްސަލައެއް ދިމާވެގެން އުޅޭކަން އެނގިގެން އެ ސަރަހައްދުގެ ވިމެން ޕްރޮޓެކްޝަން އެންޑް ޗައިލްޑް މެރިޖް ޕްރޮހިބިޝަން އޮފިސަރު ރަޖްނީ ގުޕްތާ ވަނީ އެ އަންހެންމީހާ ދިރިއުޅޭ ގެއަށް ގޮސް އޭނާ ސަލާމަތް ކޮށްފަ އެވެ.

މި މީހާ ސަލާމަތްކުރިއިރު ފާޚާނާއެއްގެ ތެރެއަށް ލާ ބަންދުކޮށްގެން ގެންގުޅޭތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށް އިންޑިޔާގެ ނޫސް އެޖެންސީ އަކާ ވާހަކަ ދައްކަމުން ރަޖްނީ ބުނެފައި ވެއެވެ. އަންހެންމީހާ ފާޚާނާ ތެރޭގައި ބަންދުކޮށްގެން އުޅުނީ އޭނާގެ ފިރިމީހާ އެވެ.

ރަޖްނީ ބުނި ގޮތުގައި ފިރިހެންމީހާ އޭނާގެ އަންހެނުން ފާޚާނާއަށް ލާ ބަންދުކޮށްގެން ގެންގުޅެނީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫން ކަމަށާއި އަންހެން މީހާގެ ސިކުނޑީގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ރަޖްނީ ބުންޏެވެ.

ރަޖްނީ ބުނި ގޮތުގައި ސަލާމަތްކުރިއިރު އަންހެންމީހާއަށް ކާ އެއްޗެއް ބޯ އެއްޗެއް ނުދޭތާ ވެސް ކިތަންމެ ދުވަހެއް ވަނީ ވެފަ އެވެ. އަދި އެ މީހާ ހިކިގެން ގޮސް ހުރީ ކަށިގަނޑަކަށް ވެފަ އެވެ.

"އަހަރެމެން އޭނާ އާ ވާހަކަ ދެއްކީމަ އެނގުނު އޭނާގެ ސިކުނޑީގެ މައްސަލައެއް ނޫޅޭކަން. އަހަރެމެން އޭނާ ސަލާމަތްކޮށް އޭނާގެ އިސްތަށިގަނޑު ދޮވެދީ ހަދައިދިނިން. އަދި މިހާރު ވާނީ މައްސަލަ ބަލައިދޭން ފުލުހުންނަށް ހުށަހަޅާފައި،" ރަޖްނީ ބުންޏެވެ.

އަންހެންމީހާގެ ފިރިމީހާ ބުނި ގޮތުގައި އޭނާއަކީ ސިކުނޑިގެ މައްސަލައެއް ހުންނަ މީހެކެވެ. އަދި ފާޚާނާގައި އިންނަނީ އޭނާ އަމިއްލައަށް ބޭނުން ވެގެން ކަމަށާއި ގޭތެރޭގައި އިންނާށޭ ބުންޏަސް އެމީހާ ގޮސް އިންނަނީ ފާޚާނާތެރޭ ކަމަށް އޭނާގެ ފިރިމީހާ ބުނެފައި ވެއެވެ. އަދި ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައިގެން ފަރުވާ ކުރި ނަމަވެސް އަންހެނުންގެ ބަލި ރަނގަޅު ނުވާ ކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ކުރިޔަށް ގެންދާނީ އަންހެންމީހާ ޑޮކްޓަރަށް ދެއްކުމަށް ފަހު ޑޮކްޓަރު ދޭ ލިޔުމާ އެއްގޮތަށް ކަމަށެވެ.