ހަބަރު

އަޅުވެތި ކުރުމަށްވުރެ މުޖުތަމައުގައި އޮތް ބިރު ބޮޑު: އިމްރާން

ދުރުން އައިސް ރާއްޖެ އަޅުވެތި ކުރުމުގެ ބިރަށްވުރެ ދިވެހިންގެ މެދުގައި އުފެދިފައިވާ އިޖުތިމާއީ އަހްލާގީ ވަބާގެ ބިރު މާބޮޑު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގަންނަވާ ވާހަކަ ދައްކަވަމުންނެވެ.

ދުރުން އުފެދިގެން އަންނަ ނުވަތަ އުފެދިދާނެ ގޮންޖެހުންތަކަކާމެދު، ގިނަ ފަހަރަށް ވިސްނަން ހަދައިގެން މި މުޖުތަމައުގެ ތެރޭގައި ފޮރުވިފައިވާ ދުޝްމަނުންތައް، ރާޑަރަށް ގެއްލިގެންދާ ކަމަށް އިމްރާން ވިދާޅުވި އެވެ. މި މިއަދު ދިވެހި ގަުމިއްޔަތަށް ދިމާވެފައިވާ އެންމެ ބޮޑު އަދި ބިރުވެރި ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާގައި ގިނަ ޒުވާނުތަކެއް ޖެހި މުޅި މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދިގެން ދިޔުން ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރަށް ދުނިޔޭގެ ހާލަތައް އަންނަ ބަދަލުތައް ރާއްޖެއަށްވެސް އަންނަމުންދާ ކަމަށާއި ދީނާއި މިނިވަން ކަމަށްވެސް ބޮޑެތި ގޮންޖެހުން އެބަހުރި ކަމަށެވެ. އަދި މައުސޫމު ކުޑަކުދިންނާއި ދަރިންނަށް ގޭގެ ވެށީގައި އަދި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާ ގޯނާއާއި ފުރައްސާރަ، އިންތިހާއަށް އިތުރުވުމަކީ ބޭރުން އަންނަ ފަރާތްތަކުން އަޅުވެތި ކުރުމަށްވުރެ މާ ނުރައްކާ ބޮޑު ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މުޖުތަމައުގައި ހިނގާ މިފަދަ ނޭއްގާނީ އަމަލިތައް ހުއްޓުވައިގެން ނޫނީ ހަގީގީ މިނިވަން ކަމެއް މި ގައުމަށް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ޒަމާޏުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބާރުލުން އަލުން ދިރުވައި އެންމެން އެކަތި ގަނޑަކަށްވެގެން މި މުޖުތަމައު މިވަބާތަކުން ސަލާމަތް ކުރުން މުހިންމު ކަމަށްވެސް ވިދާޅުވި އެވެ.