ސަލަފް ޖަމިއްޔާ

ސަލަފުން މަޖައްލާއެއް ނެރެން ފަށައިފި

ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔަތުއް ސަލަފުގެ ފަރާތުން މަޖައްލާއެއް ނެރެން ފަށައިފި އެވެ.

"ދާރިސް" ގެ ނަމުގައި ނެރޭ މި މަޖައްލާއަކީ ޝަރުއީ، އަދަބީ، އިޖްތިމާއީ އަދި ސިޔާސީ ދާއިރާތަކާ ގުޅޭ ތަފާތު މަޒުމޫނުތައް ހިމަނައިގެން ނެރޭ އިލްމީ މަޖައްލާއެކެވެ.

އެ ޖަމިއްޔާއިން ބުނީ "ދާރިސް" ގައި އިތުބާރު ހުރި އިލްމުވެރިންގެ ތަފާތު ލިޔުންތައް ކޮންމެ ފަހަރަކުވެސް ގެނެސްދޭނެ ކަމަށެވެ.

"މިއީ ހޭލުންތެރި އަދި ކިޔުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ނެރޭ މަޖައްލާއެއް. މި މަޖައްލާގައި ދިވެހި ރާއްޖޭގައި މިވަގުތު ތިބި އެންމެ އިތުބާރު ހިފޭ އިލްމުވެރިންގެ ލިޔުންތައްވެސް ހިމެނޭނެ. އަދި އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ލިޔުންތަކާއި ޅެންވެސް ހިމެނޭނެ," ދާރިސް މަޖައްލާގެ އެޑިޓަރު އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހީމު ވިދާޅުވިއެވެ.

ދާރިސް މަޖައްލާ އަކީ ސަލަފާއި ސަމީކު ޕުރައިވެޓް ލިމިޓެޑާ“ ގުޅިގެން ކޮންމެ ދެ މަހަކުން އެއް ފަހަރު ނެރޭ މަޖައްލާއެކެވެ. ފުރަތަމަ މަޖައްލާ މިހާރު ވަނީ ނެރެފައެވެ.