ހަބަރު

އަމީން އެދުމުން ވެސް ކޮމިޓީ ސިއްރެއް ނުކުރި

Oct 20, 2020
2

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މެދުވެރިވިކަމަށާއި، ނަމަވެސް އެފަދަ ޖަމިއްޔާއަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެދިވަޑައިގެންނެވި ނަމަވެސް، އެކަން ނުކުރަން ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ސަބް ކޮމިޓީއަށް މިނިސްޓަރު އަމީން ހާޒިރުކޮށްފައިވަނީ ވެންޓިލޭޓަރުގެ މައްސަލާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެ ވެންޓިލޭޓަރުތައް ގަންނަން ހަވާލުކޮށްފައިވަނީ ޑަބްލިޔުއެޗްއޯއިން ރެކަމެންޑް ކުރި ކުންފުންޏެއްކަމަށް އަމީން ވިދާޅުވެފައިވީ ނަމަވެސް، އޮޑިޓް ރިޕޯޓުގައި އެއީ އެކަން ހިނގިގޮތް ނޫންކަމަށް ބަޔާންކޮށްފައިވާތީ، މަޖިލީހަށް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މިއަދުގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަރަށް ތަފްސީލުކޮށް ވާހަކަތައް ހިއްސާކުރެވިފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖެއަށް ވަރަށް އަވަހަށް ބޭނުންވެގެން ވެންޓިލޭޓަރުތައް ގެންނަން ރާއްޖޭގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި އެ މުއާމަލާތްތަކަކީ ރަސްމީ މުއާމަލާތްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެކަމުގެ ލިޔެކިއުންތައް ހުރިކަމަށް އަމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

އޭސީސީން ކުރި ތަހުގީގުގައިވެސް ޑަބްލިޔުއެޗްއޯއާ ކުރެވުނު މަޝްވަރާތަކުގެ ތަފްސީލް ހިއްސާކުރެވިފައިވާނެ ކަމަށާއި، މި ކޮމިޓީގައި ވެސް އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަމަވެސް، ހުޅުވާލައިގެން ކުރިއަށްދާ ބައްދަލުވުމެއްގައި ޑަބްލިޔުއެޗްއޯ ފަދަ ޖަމިއްޔާއަކާބެހޭ ގޮތުން ވާހަކަ ނުދެއްކެވޭނެތީ، ކޮމިޓީ ސިއްރު ކޮށްދިނުމަށް އަމީން އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، ކޮމިޓީގެ މެންބަރުން ނިންމީ ކޮމިޓީ ސިއްރުނުކޮށް، ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައި ދެއްކެވޭ މިންވަރަށް މައުލޫމާތު ހާމަކުރެއްވުމަށެވެ.