ހަބަރު

އަންހެން ކުދިންގެ ތައުލީމަށް ހުރަސް ނޭޅުމަށް ގޮވާލައިފި

ރާއްޖޭގައި ތައުލީމު ދެމުން އަންނަ އަމިއްލަ ކޮލެޖެއްގެ ކޯހަކަށް ކުރިމަތިލި އަންހެން ކުއްޖެއް މޫނު ބުރުގާ އަޅާތީ ކޯހުން ފުރުސަތު ނުދިން މައްސަލާގައި އެކަށް ކުށްވެރިކޮށް 30 ޖަމިއްޔާއެއް ގުޅިގެން ނޫސް ބަޔާނެއް ނެރެފި އެވެ.

މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ އަންހެން ކުދިންނަށް ތައުލީމު ނުދިނުމުގެ ސަގާފަތް އުވި ގޮސްފައި ވަނިކޮށް މިފަދަ މައްސަލައެއް ކުރިމަތިވުމަކީ އަލުން އެކަން އިޔާދަވެދާނެ ކަމެއް ކަމަށެވެ. އަދި އެއީ އަންހެން ކުދިންގެ ތައުލީމަށް ހުރަސް އެޅުން ކަމަށާ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.

"އިލްމު އުނގެނުމާއި އިލްމު އުގަންނައިދިނުމަށް ބާރުއަޅާ އިސްލާމީ ރިސާލަތުގެ ނޫރު ފެތުރިފައިވާ ދިވެހި ރާއްޖޭގައި، އަންހެންކުދިން ތައުލީމުން މަހްރޫމްކޮށް އެކުދީންނަށް އިލްމު އުނގެނުމުގެ ދޮރުތައް ބަންދުކުރެވިފައިވާ ކުރެވުން މާޒީގައި ވަނީ ނެތިގޮސްފައި. ނަމަވެސް ހިތާމައަކީ ދާދި މިދާކަށް ދުވަހު އަނެއްކާވެސް އަޅުގަނޑުމެންނަށް ދިވެހި މީޑިޔާއިން ހާމަވެގެން މިދިޔައީ ނެތިގޮސްފައިވާ ބޯދާ އަދި އިސްލާމީ އުސޫލުތަކާއި ހިލާފު މި ނުބައިކަން ބޮޑު ޖަރީމާ ދިވެހި ރާއްޖޭގެ މަތީ ތައުލީމުދިނުމަށް ހިންގޭ އަމިއްލަ ކޮލެޖަކުން ހިންގަމުންދާ ކަމުގެ ހިތާމަވެރި ހަބަރު،" ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި މޫނު ބުރުގާ އެޅުމުން ވަޒީފާއިން ވަކިކުރުމާއި ވަޒީފާ ދިނުމަށް ދެކޮޅު ހެދުން ފަދަ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެއެވެ. އަދި ސަރުކާރުގެ ބައެއް އިދާރާތަކުގަައިވެސް މޫނު އަޅައިގެން މަސައްކަތް ކުރުން މަނާކޮށްފައިވެެސްވެއެވެ. މޫނ އެޅުމާއި ތުބުޅި ބެހެެއްޓުމުގެ ސަބަބުން ސަރުކާރުގެ އިދާރާތަކުން ވަނީ ބައެއް މުވައްޒިފުން ވަޒީފާއިންވެސް ވަކިކޮށްފައެވެ.