ފެނަކަ ކޯޕްރޭޝަން

ފެނަކައިން ގިނަ ވެހިކަލް ތަކެއް ގަންނަނީ

Oct 21, 2020

ފެނަކަ ކޯޕަރޭޝަންގެ ބޭނުމަށް ގިނަ އަދަދެއްގެ ވެހިކަލް ގަންނަ އިއުލާނު ކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ކުންފުނިން ބޭނުންވާ 1000 ލީޓަރުގެ ނުވަ ޓްރެއިލާ މައުންޓަޑް ޖެޓިން މެޝިން ގަންނަން ބޭނުންވާ ކަމަށެވެ. މިއީ ތެޔޮ ފަދަ ތަކެތި އުފުލޭ ގޮތަށް ޓްރަކްޓާއެކު ހަރުކޮށްފައި ހުންނަ އުޅަނދެކެވެ.

މި އުޅަނދުގެ އިތުރުން ދެން ފެނަކަ ކުންފުނިން ގަންނަ އިއުލާނު ކޮށްފައިވަނީ 400 ލީޓަރުގެ ހަ ވޭން ޕެކެވެ. މިއީ މުދާ އުފުލަން ބޭނުން ކުރާ ކުޑަ ވޭނެކެވެ.

މި އުޅަނދުތައް ފޯރުކޮށްދޭން ބޭނުންވާ ފަރާތް ތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަން ޖެހެ އެވެ. މި ތަކެތި ފޯރުކޮށް ދޭން ބިޑް ހުށަހަޅަން ޖެހެނީ މި މަހުގެ 28 ގެ ކުރިންނެވެ.

ފެނަކަ ކުންފުނިން މި މަހުގެ ކުރީކޮޅު ވެސް މިތަކެތި ފޯރުކޮށް ދޭން ބޭނުންވާ ފަރާތްތައް ހޯދަން އިއުލާނު ކުރި އެވެ. ނަމަވެސް އެ ފަހަރު އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.