އެމްޑީޕީ

"އެމްޑީޕީގެ ޕީޖީ ގްރޫޕްގައި އޮތީ އުތުރު ކޮރެއާގެ ހަމަ"

"އުތުރު ކޮރެއާގެ ގޮތްގަނޑެއް" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ގެންގުޅޭ ކަމަށާއި އެ ގޮތް ދޫކޮށްލައި ރައްޔިތުންނާއި ގުޅުންހުރި ކަންކަން ހާމަކަން ބޮޑުކޮށް ނިންމަން ޖެހޭ ކަމަށް އެމްޑީޕީގެ މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެގެ މި ސިފަ ކުރުމާއި ތުހުމަތުތައް އައީ ރޭ "ސަންގުޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަފުޅެއްގެ ތެރޭ އޭނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ފާޑު ވިދާޅުވުމުގަ އެެވެ.

ބޮންޑެއަކީ އޭނާއަށް ފެންނަ ގޮތާއި ހިޔާލު ފާޅު ކުރެއްވުމުގައި އަބަދުވެސް އެއްގޮތެއްގައި ދެމި ހުންނަވާ ސިޔާސީ ބޭފުޅެކެވެ.

ބޮންޑެ ވިދާޅުވީ ކަންކަން ނިންމުމުގައި ދުނިޔެއަށް ގޮން ޖަހައި އެކަހެރިވެގެން އޮންނަ އުތުރުކޮރެއާގައި އަމަލުކުރާ ގޮތަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން، ރައްޔިތުންގެ މަސްލަހަތު އޮންނަ ބޮޑެތި ކަންކަން ނިންމާއިރު ސިއްރު ކުރުމެއް ގެންގުޅޭ ކަމަށެވެ. އެ އުސޫލާއި ގޮތްގަނޑު އެމްޑީޕީގެ ޕީޖީއިން ދޫކޮށްލަންޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ވަކި މެންބަރުންތަކެއް ބޭނުންވެ ވަޑައިގަތުމުން މަގާމުތަކާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ބައްދަލުވުން ސިއްރުކޮށް ގޮތްގޮތަށް ރާވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އިންޓަވިއު ކުރާއިރު، މެންބަރުން ކޮމިޓީ ދޫކޮށް ނުކުތުމުން ގާބިލު ބޭފުޅުންނަށް ވެސް ބޭނުންވާ އަދަދަށް ވޯޓް ނުލިބި މަޖިލީހުގެ ތަޅުމަށް ނުފޮނުވިދާތަން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ "ވަގު ހިފަން" މަޖިލީހަށް ވަތން މީހުން ވަގުންގެ އަތުގައި ހިފައިގެން އުޅޭ ކަމަށެވެ.

އެމްޑީޕީގެ ޕީޖީގެ ގްރޫޕްގެ ލީޑަރަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކީ ރޮޒައިނާ އާދަމެވެ. އާޒިމާއި ރޮޒައިނާއަކީ ޑީއާރްޕީން އެމްޑީޕީއަށް ބަދަލުވި ދެ ބޭފުޅުންނެވެ. ބޮންޑެއަކީ އެމްޑީ އުފެދުނު އިރުވެސް ޕާޓީގެ ހަރަކާތްތަކުގެ ތެރޭގައި ހުންނެވި ބޭފުޅެކެވެ.