ހަބަރު

އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން ނިންމައިފި

Oct 22, 2020
1

އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުން އެތަނުގައި ކިޔަވައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަމަލުކޮށްފައިވާތީ، އެ ސްކޫލާމެދު ފިޔަވަޅު އެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި، ދިގުލާ މައްސަލަ ދަރިވަރުންނާއި، ބެލެނިވެރިންގެ އިތުރުން އެ އެކަޑަމީގެ ސްޓޫޑެންޓް ޔުނިއަންގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަތަކަކީ އެކަޑަމީ އޮޑިޓްކުރުމަށްފަހު މިދިއަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާއިރު، އެ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

"...ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމަމެވެ،" ހަޔާ އެޑިއުކޭޝަނުން ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ އެކަޑަމީގައި ސަރުކާރުން ލޯނު ދީގެން ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްވެސް ހިމެނޭތީ، އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން، މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހަދައި، ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ

"މި ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލްނުކުރެވޭނެކަންވެސް އެ ފަރާތަށްވާނީ އަންގާފައި،" ބަޔާނުގައި ބުންޏެވެ.

އަދި ސިވިލް އޭވިއޭޝަނުން ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމުގެ އިތުރުން، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށްވެސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން، ދަރިވަރުންގެ އަތުން ފީ ނަގަމުންދަނީ މަނިޓަރީ ގަވާއިދާ ހިލާފަށް ބޭރު ފައިސާއިން ކަމަށްވާތީ އެކަން ނުކުރުމަށްވެސް މިނިސްޓްރީން އަންގާފައިކަމަށް ބުންޏެވެ.

"މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނަކީ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ބަލަދުވެރި ފަރާތްތަކަމުން، އެއްވެސް ދަރިވަރެއްގެ ހައްގެއް ގެއްލުމަކީ މިމިނިސްޓްރީއަށް ގަބޫލުކުރެވޭނެކަމެއް ނޫން،" އެ ބަޔާނުގައިވެ އެވެ.