ބޮލީވުޑް

ޝާހްރުކްގެ "ދިލްވާލޭ"ގެ ޓްރެއިލާ ސަލްމާންގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އާއެކު

Oct 17, 2015

ސަލްމާން ޚާނާއި ޝާހްރުކް ޚާން ދެމެދު އޮތް ޒަމާންވީ ރުޅިވެރިކަން އެއްފަރާތްކުރުމަށްފަހު، މިދެތަރިން ވަނީ ގާތް އެކުވެރިންނަށްވެފަ އެވެ.

ސަލްމާންގެ އެންމެފަހުން ނިކުތް ފިލްމު "ބަޖްރަންގީ ބައިޖާން" ޕްރޮމޯޓްކުރުމުގެ ގޮތުން ޝާހްރުކް އެފިލްމުގެ ފުރަތަމަ ޕޯސްޓަރު ޓްވިޓާގައި އާންމުކުރި ހިސާބުން މިދެތަރިންގެ ދެމެދުގައި އޮތް ގާތްގުޅުން އެނގިގެން ދިޔަ އެވެ.

މިހާރު އަނެއްކާ ވެސް ސަލްމާން އާއި ޝާހްރުކް އާއި ދެމެދު އޮންނަ ގުޅުން ކުރިއަށްވުރެން ވަރުގަދަވެފައިވާކަން މިވަނީ އެނގިގެންގޮސްފަ އެވެ.

އަންނަ މަހުގެ 12ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ސަލްމާން ޚާން އާއި ސޯނަމް ކަޕޫރުގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އާއެކު ޝާހްރުކް ޚާންގެ "ދިލްވާލޭ"ގެ ފުރަތަމަ ޓްރެއިލާ އާންމުކުރުމަށް ވަނީ ނިންމާފަ އެވެ.

މިދެފިލްމަކީ ވެސް މިއަހަރުގައި ކުރިއަށް ރިލީޒްވުމަށް ހުރި ފިލްމުތަކުގެ ތެރެއިން ބޮޑު ދެފިލްމަށްވާއިރު، "ދިލްވާލޭ" އަކީ ގިނަބަޔަކު އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމެވެ.

ސަލްމާން ޑަބަލް ރޯލުން ފެނިގެންދާ "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ ސޯޅަ އަހަރަށްފަހު ސަލްމާން ސޫރަޖް ބަރްޖަތްޔާގެ ފިލްމަކުން ފެނިގެންދާނެ ފިލްމެކެވެ.

ރޯހިތް ޝެޓީ ޑައިރެކްޓްކުރާ "ދިލްވާލޭ" އަކީ ފަސްއަހަރުގެ މެދުކެނޑުމަކަށްފަހު ކާޖޮލް ކުޅޭ ފުރަތަމަ ފިލްމެވެ. ޝާހްރުކް އާއި ކާޖޮލް އަކީ އޮންސްކްރީން އެންމެ ގުޅޭ ޖޯޑަށް ވުމުން މިދެތަރިން އެކުގައި ކުޅޭ ފިލްމަކަށް އިންތިޒާރުކުރާނެ ފަރާތްތައް ވަރަށް ވެސް ގިނަ އެވެ.

"ދިލްވާލޭ" ޕްރޮޑިއުސްކުރާ ޝާހްރުކްގެ ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ނެރުނު ބާޔަނެއްގައި ވަނީ ސަލްމާނަށާއި ރާޖްޝްރީ ޕްރޮޑަކްޝަނުން މިފިލްމުގެ ޓްރެއިލާ "ޕްރޭމް ރަތަން ދަން ޕާޔޯ" އާއެކު ދައްކަން ހަމަޖެއްސުމުން އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

"ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ޓްރެއިލާ އާއި ލަވަތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިއީ ސަލްމާނާއި ސޯނަމް އެކުގައި ފނިގެންދާ ދެވަނަ ފިލްމެވެ.

"ދިލްވާލޭ" އާއެކު ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" ރިލީޒްކުރުމަށް ނިންމާފައިވާއިރު މިއީ މިއަހަރުގެ އެންމެ ބޮޑު ކުރިމަތިލުން ކަމަށް ބުނެ އެވެ. "ދިލްވާލޭ" ގައި ޝާހްރުކާއި ކާޖޮލްގެ އިތުރުން ކީރްތީ ސަނޮން އާއި ވަރުން ދަވަން ވެސް މުހިންމު ރޯލުން ފެނިގެންދާއިރު، "ބާޖީރާއޯ މަސްތާނީ"ގެ މުހިންމު ރޯލުން ފެނިގެންދަނީ ރަންވީރު ސިންގް، ދިޕިކާ ޕަދުކޯން އަދި ޕްރިޔަންކާ ޗޯޕްޅާ އެވެ.

އަދި އަންނަ އަހަރުގެ ފިތުރު އީދުގައި ޝާހްރުކްގެ "ރައީސް" އާއި ސަލްމާންގެ "ސުލްތާން" އެއް ދުވަހެއްގައި ރިލީޒްކުރުމަށް ނިންމާފައވާއިރު، މިއީ އަންނަ އަހަރުގެ އެންމެ ބޮޑުކުރިމަތިލުމަށްވާނެ ކަމަށް ގިނަފަރާތްތަކުން ބުނެ އެވެ.