ހަބަރު

ޖެނުއަަރީ އިންޓޭކަށް ވިލާ އިން އާ ކޯސްތަކެއް

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އިންޓޭކަށް ވިލާ ކޮލެޖުން އިތުރު ތިން ކޯހެއް ތައާރަފްކޮށްފި އެވެ.

ވިލާ ކޮލެޖުން ބުނީ، މުޅިން އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓަ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް އޮފް ޓީޗިން އިން ހަޔަ އެޑިއުކޭޝަން އަދި ބެޗެލަ އޮފް ޓީޗިން ޕްރައިމަރީ އެންޑް އިންކްލޫސިވް އެޑިއުކޭޝަން ކަމަށެވެ.

މި ކޯސްތައް ލޯންޗު ކުރުމަށްޓަކައި ވިލާ ކޮލެޖުން ވަނީ ވާޗުއަލް އިވެންޓެއް ބާއްވާފަ އެވެ. މި އިވެންޓުގައި ތިން ޕްރޮގްރާމްވެސް ލޯންޗު ކޮށްދެއްވީ އެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުންނެވެ.

އެޗްއާރް ޕްރޮގްރާމް ލޯންޗު ކޮށްދެއްވީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ހިއުމަން ރިސޯސް ޕްރޮފެޝަނަލްސްގެ ރައީސް، ހުސައިން އަފީފް އެވެ. ޕްރޮގްރާމް ލޯންޗު ކޮށްދެއްވުމުގެ ގޮތުން އަފީފް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މާކެޓުގައި "ޖެނެރަލިސްޓް" ހިއުމަން ރިސޯސް ޕްރޮފެޝަނަލްސްގެ ބޭނުން ބޮޑު ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި މި ޕްރޮގްރާމުން އެފަދަ މީހުން ދާއިރާއަށް ނިކުންނާނެ ކަމަށް ވިދާޅުވި އެވެ.

ޓީޗިން ޕްރޮގްރާމް ލޯންޗު ކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު އެވެ. ރަޝީދު ވިދާޅުވީ މި ޕްރޮގްރާމްގައި އެކުލެވިފައިވާ މޮޑިއުލްތަކުން ދަރިވަރުންނަށް ފައިދާ ކުރާނެ ކަމަށާއި ވަކިވަކި ސަބްޖެކްޓް އޭރިއާ ތަކުން އުނގެނިފައި ހުރުމުގެ އިތުރަށް ހަޔަ އެޑިއުކޭޝަންގެ ދާއިރާގައި ކިޔަވައިދިނުމުގެ ހުނަރަކީވެސް ވަރަށް މުހިންމު އެއްޗެކެވެ.

ވާޗުއަލް ކޮށް ކުރިއަށްދިޔަ އިވެންޓުގައި އިންކްލޫސިވް އެޑިއުކޭޝަން ޕްރޮގްރާމް ލޯންޗް ކޮށްދެއްވީ، ޗިލްޑްރަންސް އޮމްބަޑްސްޕަސަން، އަދި އާލީ ޗައިލްޑްހުޑް ސްޕެޝަލިސްޓް، ނިއުމަތު ޝަފީގު އެވެ. ނިއުމަތުގެ ވާހަކަފުޅުގައި، މިއަދުގެ މުޖުތަމައުއަށް އިންކްލޫސިވް އެޑިއުކޭޝަންގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

ވިލާ ކޮލެޖުން ބުނީ، ކޯސްތަކުގައި ބައިވެރިވާން އެދޭނަމަ ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ 19 ޑިސެމްބަރު 2020 ކަމަށެވެ. ކޯސްތަކުގެ ކިޔެވުން، ޖެނުއަރީ މަހުގެ 3 ވަނަ ހަފްތާ ތެރޭގައި ފަށާނެ އެވެ.

އަންނަ އަހަރަށް ވިލާ އިން ވަނީ 102 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.