ވިޔަފާރި

ބީއެމްއެލް އަމިއްލަށް ބަދަލުކޮށްލެވޭ ޑިޖިޓަލް ޕިން ތައާރަފުކޮށްފި

Oct 25, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފުކޮށް، ކަސްޓަމަރުންނަށް ބޮޑު ލުޔެއް ގެނެސްދީފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ފެންވަރު ރަނގަޅު ކުރުމަށް އެކުލަވާލާފައިވާ، ސްޓްރެޓެޖީގެ ދަށުން ތައާރަފުކުރި ޑިޖިޓަލް ޕިންގެ ހިދުމަތާއެކު ކަސްޓަމަރުންނަށް އަމިއްލައަށް ޕިން ބަދަލުކޮށްލުމުގެ އިހުތިޔާރު ލިބިގެންދާނެ ކަމަށެވެ.

މި ބަދަލާއެކު ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑާއި ޕްރީޕެެއިޑް ކާޑު އަދި އިންޓަނެޓް ބޭންކިން ޕިން އަމިއްލައަށް ވަގުތުން އިންޓަނެޓު ބޭންކިން މެދުވެރިކޮށް ބަދަލު ކޮށްލެވޭނެ އެވެ.

ޑިޖިޓަލް ޕިންގެ ހިދުމަތާއެކު ކާޑުގެ ޕިން ހޯދަން ބޭންކަށް ދިއުމުގެ ބަދަލުގައި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރައްކާތެރި ކަމާއެކު ކާޑުގެ ޕިން ކަނޑައަޅައި އަދި ބަދަލު ކޮށްލެވޭނެ އެވެ. މި ހިދުމަތާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ޕޯސްޓް މެދުވެރިކޮށް ޕިން ހޯދަން މަޑު ކުރަން ނުޖެހި ވަގުތުން ޕިން ބަދަލު ކޮށްލެވޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފު ވުމަކީ ކަސްޓަމަރުންނަށް ލިބިގެން ދާނެ ބޮޑު ފަސޭހައެއް ކަމަށާ މިއީ ބޭންކަށް ވެސް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގު ޗާޓާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފް ކުރެވުނު ހިދުމަތެއް. ބޭންކުން މިހާރު މި ވަނީ ވަރަށް ގިނަ ހިދުމަތް ތަކެއް އޮންލައިން ކުރެވިފައި،" ޓިމް ވިދާޅުވި އެވެ.

"މީގެ ތެރޭގައި އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީވުމާއި ބޭންކުން އަލަށް ތައާރަފުކުރި އޮންލައިން ކިއުގެ ހިދުމަތް ވެސް ފާހަގަކޮށްލަން. ޑިޖިޓަލް ޕިންގެ ހިދުމަތާއެކު މިހާރު ދޫކުރާ ގޮތަށް ކަރުދާހުގައި ދޫކުރެވޭ ޕިން ލިބުމަށް ނަގާ ވަގުތު ސަލާމަތްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެގެން ދާނެ."

ޑިޖިޓަލް ޕިން ބަދަލު ކުރާނެ ގޮތް

ބީއެމްއެލްގެ ހިދުމަތް ތަކަށް ޒަމާނީ ބަދަލު ތަކެއް ގެންނަމުންދާއިރު އެ ބޭންކުގެ ހިދުމަތް ވެސް ދަނީ ފުޅާ ކުރަމުންނެވެ. ބީއެމްއެލް އިން 20 އަތޮޅުގައި 38 ބްރާންޗުން މިހާރު ހިދުމަތް ދެ އެވެ. އަދި 61 ސެލްފް ސާވިސް ބޭންކިން ސެންޓަރު ބަހައްޓާފައިވާއިރު، 124 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތެއް ތައާރަފުކޮށްފައިވެ އެވެ.