ހަބަރު

އުޒުރުވެރިންނަށް ގޭގައި ތިބެ، ޕާސްޕޯޓް ހެދޭނެ ނިޒާމެއް ތައާރަފު ކުރަނީ

އިމިގްރޭޝަނަށް ގޮސް ޕާސްޕޯޓު ހައްދަން އުޒުރުވެރިވާ ފަރާތްތަކުގެ ގާތަށް ގޮސް ޕާސްޕޯޓް ހައްދައިދޭނެ ނިޒާމެއް ތާރަފު ކުރަން ނިންމައިފި އެވެ.

އިމިގްރޭޝަނުން މޮބައިލް އެންރޯލްމަންޓު ޔުނިޓްގެ ނަމުގައި އަލަށް ތާރަފްކުރާ މި ހިދުމަތަކީ ޕާސްޕޯޓް ހައްދަން އިމިގްރޭޝަނަށް ދާން އުޒުރުވެރިވާ ފަރާތްތައް ތިބޭ ތަނަކަށް އިމިގްރޭޝަންގެ ޓީމެއް ގޮސް ދުވަހުން ދުވަހަށް ޕާސްޕޯޓު ހައްދައިދޭނެ ހިދުމަތެކެވެ.

މިހިދުމަތް ދިނުމަށް އިމިގްރޭޝަން އިން އިތުރު ފީ އެއް ނުނަގަ އެވެ.

އަވަސް" އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އޮފިސަރު ހަސަން ހަލީލް ވިދާޅުވީ އާ ހިދުމަތަކީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި ތިބޭ ފަރާތްތަށް ވެސް ޕާސްޕޯޓު ހައްދަން ބޭނުންވެއްޖެ ނަމަ އިމިގްރޭޝަންގެ ޓީމެއް އެފަރާތެއްކައިރިޔަށް ގޮސް ދުވަހުން ދުވަހަށް ޕާސްޕޯޓު ހައްދައިދެވޭނެ ހިދުމަތެއް ކަމަށެވެ. އަަދި ޕާސްޕޯޓު ހެއްދުމަށް ނުކުޅެދި، ގޭގައި ތިބޭ ބަލި މީހުނާއި ދުވަސްވީ މީހުންވެސް ޕާސްޕޯޓު ހަދަން ގުޅުމުން ހަމަޖައްސައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ބަލިމީހެއް ނޫނީ [ހޮސްޕިޓަލްގައި] އެޑްމިޓް ކޮށްފައި އޮތް މީހެއް ޕާސްޕޯޓު ހައްދަން ބޭނުން ވެއްޖެނަމަ އެމީހެއްގެ އާއިލާއިން ޖެހޭނީ ބަލިމީހާގެ ފޮޓޯނަގައި ހުރިހާ ޑޮކިއުމަންޓު ކަންތަކާއެކު އިމިގްރޭޝަން އަށް އަންނަން. ނަމަވެސް މިކަން ފަސޭހަ ކުރުމަށް އަލަށް ތައާރަފު ކުރާ ހިދުމަތުގައި އަޅުގަނޑުމެންގެ މޮބައިލް އެންރޯލްމަންޓު ޔުނިޓަށް ގުޅުއްވާލުމުން ޓީމެއް އެ މީހެއްގެ ކައިރިޔަށް ގޮސް ހިދުމަތްދީ، ދުވަހުން ދުވަހަށް ޕާސްޕޯޓް ހަވާލު ކުރާނެ މިކަމަށް ޕާސްޕޯޓު ހެއްދުމަށް ދާ ހަރަދުގެ ފިޔަވާ އިތުރު އެއްވެސް ހަރަދެއް ނުދާނެ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމިގްރޭޝަން އިން މިހާރު ދަނީ މިނިޒާމު ގާއިމް ކުރަން ފަންނީ ގޮތުން ކުރަންޖެހޭ ކަންކަމާއި ކުރަމުން ކަމަށެވެ. އަންނަ މަހު ފަހުކޮޅު އެމަސައްކަތް ނިމި ހިދުމަތް ފަށާނެ ކަމަށް ވެސް ހަލީޅް ވިދާޅުވި އެވެ.

"މިހާރު ޓެކްނިކަލް މަސައްކަތްތަކާ ޕްލޭން ތަކެއް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ. އަޅުގަނޑުމެންނަށް ފާކުރެވޭގޮތުގައި ނޮވެމްބަރު މަހު ފަހުކޮޅުގައި މި ނިޒާމު ތާރަފުކޮށް ހިދުމަތް ދޭން ފެށޭނެ،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވިގޮތުގައި އިމިގްރޭޝަން އިން ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފަސޭހަ ކުރުމުގެ ގޮތުން މިއަހަރު ތެރޭގައި އިތުރު ހިދުމަތް ތަކެއްވެސް ތާރަފް ކުރާނެ އެވެ. އޭގެ ތަފުސީލެއް ނުދެއްވަ އެވެ.