ވިޔަފާރި

ކަޒަކިސްތާނުގެ ގައުމީ އެއާލައިން ރާއްޖެއަށް ފަށަނީ

Nov 1, 2020

ކަރަކިސްތާނުގެ ގައުމީ އެއާލައިން އެއާ އަސްތާނާ، އަންނަ މަހު ރާއްޖެއަށް ދަތުރު ފަށަން ތައްޔާރު ވެއްޖެ އެވެ.

އެއާ އަސްތާނާއާ ހަވާލާދީ އޭވިއޭޓާ އިން ބުނި ގޮތުގައި ކަޒަކިސްތާނުގެ އެންމެ ކުރިއަރާފައިވާ އެއް ސިޓީ ކަމަށްވާ އަލްމަތީ އިން އެއާ އަންސްތާނާ އިން ދަތުރު ފަށާނީ ޑިސެމްބަރު ފަސް ވަނަ އެވެ. މި ދަތުރުގައި މި ކުންފުނިން ބޭނުން ކުރާނީ އެއާބަސް އޭ 321 އެލްއާރު މަރުކާގެ ބޯޓެކެވެ.

އެއާ އަސްތާނާ އިން ރާއްޖެ އަށް ފަށާ ދަތުރު ތަކުގައި ހަފުތާއަކު ދެ ފްލައިޓް ބާއްވާނެ އެވެ. މި ދަތުރުތައް އޮންނާނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.

ކަޒަކިސްތާން އަކީ ރަޝިއާ ހިމެނޭ ރީޖަންގެ ގައުމެވެ. މި ސަރަހައްދަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ސަރަހައްދެކެވެ. ކޮވިޑް-19 އަށްފަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވުނު ފަހުން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ސަރަހައްދަކީ ވެސް މި އެވެ.