ހަބަރު

ދޮންބިލެތަށް އެތަށް ބައެއްގެ ފާޑުކިޔުން

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާދިން އިރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު ސިފައިންގެ ބައެއް އިސް އޮފިސަރުން ބިރުން ފިލައިތިބިކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ރައްޔިތުންގެ މަޖިލީހުގައި ތުހުމަތު ކުރެއްވުމުން އޭނާގެ ވާހަކަތަކަށް ގިނަ ބަޔަކު ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ރައްޔިތުން ނުރެހޭ ވާހަކަތައް މީގެ ކުރިންވެސް ތަކުރާރުކޮށް ދައްކަވާފައިވާ ދޮންބިލެއް މިއަދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ ނޮވެންބަރު ތިނެއްގައި ހަމަލާ ދީފާނެކަމުގެ ބިރަށްޓަކައި ބައެއް ސިފައިން ފިލައި ތިބި އިރު، ސިފައިންގެ ބައެއް އިސް މީހުން ކޮނޑަށް އަރާފައިހުރި ފަށްތައް ނައްޓާލައިގެން އުޅުނު ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ސިފައިންގެ ތެރޭގައި އެންމެ ގިނައިން ފައިސާ ނަގައިގެން ޖެނެރަލުންނަށްވެފައި ތިބި މީހުން ތިބި ސައިފަތް ފޮށިގަނޑު ތެރެއަށް އެރި. ދޮންނަ މެޝިނުގެ ފޮށިގަނޑު ތެރެއަށް އެރި ތިބި މީހުންވެސް. އޭރު ތިން ފަށް ޖަހާފައި ތިބި މީހުން ފަށް ވެސް ނައްޓާލައިގެން ތިބި، އެއީ ފަހަރެއްގައިވެސް ފެނިއްޖެއްޔާ އޭނާ ބޮޑު މީހެއް ކަމަށްވީމާ އަނިޔާކޮށްފާނެތީ. އެވަރުގެ ސިފައިންވެސް ތިބި އެނގޭތޯ،"

އޭނާގެ ވާހަކަތަކަށް އަސްކަރިއްޔާފައި ކުރިން ހިދުމަތް ކުރައްވާފައިވާ އެތަށް ބޭފުޅުންވެސްވެސް ވަނީ ރައްދުދީފައެވެ. އަދި އާންމުންގެ ތެރެއިން ގިނަ ބަޔަކުވެސް ވަރަށް ރުޅިވެރިކަމާއެކު އޭނާއަށް ރައްދު ދީފައިވެއެވެ.

ނޮވެންބަރު ތިނެއްގެ ގައުމީ ބަތަލެއް ކަމަށްވާ ބްރިގޭޑިއާ އިބްރާހިމް ދީދީ ވިދާޅުވީ "ހޭވެރިކަމާއި ތަސައްރަފު ކެނޑިފައި" ތިބޭ މީހުން ތިބޭ ކަމަަށެވެ. ނަމަވެސް ދޮންބިލެއް ފާޑު މީހަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ކެޕްޓަން އަލީ އިހުސާންވެސް ވަނީ ދޮންބިލެއް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އިހުސާން ވަނީ ނޮވެންބަރު ތިނެއްގައި ގައުމު ހިފައިން އައި މީހުންނެކޭ ދޮންބިލެއް ދައްކާފަދަ ވާހަކަ ދައްކާ މީހުންނެކޭ އެއްވެސް ތަފާތެއް އެބައޮތްތޯ ސުވާލު ކުރައްވާފައެވެ. ދިވެހި ސިފައިން އެ ދުވަހު ފިލިނަމަ ދޮންބިލެތަށް މިއަދު އެ ވާހަކަ ދެއްކުމުގެ ފުރުސަތެއް އަދި މިނިވަން ކަމެއްވެސް ނޯންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ދިވެހިސިފައިންގެ ކަރާމަތާއި އިއްޒަތާއި ގަދަރު ގެއްލޭގޮތަށް ދޮންބިލެއް ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. ދިވެހިންނަށް މިފަސްގަނޑުގައި މިނިވަންކަމާއިއެކު ތިބެވުނީ ނޮވެމްބަރު ތިނެއްގައި ދިވެހި ސިފައިން ދިވެހިފަސްގަނޑަށް އޮހޮރުވާލި ލޭގެ ސަބަބުން ކަމަށެވެ.