ވިޔަފާރި

ޖުވާ ކުޅޭ ސައިޓްތަކާއި ބައެއް އޮންލައިން ޓްރޭޑިން ސައިޓްތައް ބީއެމްއެލް އިން ބްލޮކޮށްފި

Nov 2, 2020
2

އޮންލައިންކޮށް ޖުވާ ކުޅޭ ސައިޓްތަކާއި ބައެއް އޮންލައިން ޓްރޭޑިން ސައިޓުތައް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބްލޮކްކޮށް، ޑޮލަރު ބޭރުވުން ހުއްޓުވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައެއް މަޗަންޓް ވެބްސައިޓްތަކުގައި ކާޑުގެ މުއާމަލާތް ނުކުރެވޭގޮތް ހަމަ ޖައްސާފައިވާ ކަމަށެވެ. އަދި ގާނޫނާއި ގަވައިދުތަކާ ޚިލާފު މާލީ މުއާމަލާތްތަކުގައި ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް ބޭންކުން ނިންމާފައިވާ ކަމަށެވެ.

" މި ގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކާއި މި ފާއިތުވި މަސްތަކުގައި ވަރަށް ބޮޑުތަނުން އިތުރުވެފައިވާ އޮންލައިން ޓްރޭޑިން ސައިޓްތައްވެ ސް ބްލޮކް ކުރުމަށް މިވަނީ ހަމަޖެހިފަ އެވެ. ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ މިދަނީ ބޭރުވަމުންނެވެ،" ބީއެމްއެލް އިން ބުނެފައިވެ އެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ މިފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައި ދިވެހި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓަކުރަމުންދާނެ ކަމަށާ، ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ އެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ ބޭންކުގެ މި ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި ގުޅުންހުރި ސަރުކާރުގެ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އޮންލައިންކޮށް ޖުވާ ކުޅޭ ސައިޓްތަކާއި ބައެއް އޮންލައިން ޓްރޭޑިން ސައިޓުތައް ބީއެމްއެލް އިން ބްލޮކް ކުރިއިރު، މީގެ ކުރިން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާ އަކުން މި ފަދަ ސައިޓެއް ބްލޮކް ކުރިކަން އެނގިފައެއް ނެތެވެ. ރާއްޖެ އަށް ވަންނަ ޑޮލަރު މަދުވެފައިވާއިރު، ބޭރުވާ ޑޮލަރު މަދު ކުރަން ބީއެމްއެލް އިން ފިޔަވަޅު އެޅި ނަމަވެސް ސަރުކާރުން މިފަދަ އެއް ވެސް ފިޔަވަޅެއް އަޅަމުންދާ ކަމެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ. ސަރުކާރުން ބުނަނީ ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ ކަމަށެވެ.