ހަބަރު

ޔަމަނުގައި ހިންގާ އަންހެނުން ހާއްސަ ކެފޭއެއް

އަންހެނުންނަށް ހަމަޖެހިލައިގެން ތިބެ ކާ އެއްޗެއް ކާލައި ވާހަކަ ދައްކާލައި އަރާމުކޮށްލަން ތިބެން ހާއްސަ ކެފޭ އެއް ފަދަ ތަނެއް އޭނާގެ އަމިއްލަ ރަށުގައި ނެތް ކަން އުމްމު ފިރާސް އަށް އެނގުމުން އެފަދަ ކެފޭ އެއް ހުޅުވުމުގެ ހިޔާލު އޭނާއަށް އައެވެ. އަދި މިފަދަ ކެފޭ އެއް މިހާރު އޭނާ ވަނީ ހުޅުވާފަ އެވެ. މި ކެފޭގެ ހުރިހާ މަސައްކަތެއްގައި ވެސް އުޅެނީ އަންހެނުންނެވެ. އަދި ކެފޭއަށް ވަދެވޭނީ ވެސް އަންހެނުންނަށް އެކަންޏެވެ.

ޔަމަނުގެ މެދުތެރޭގައިވާ މަރީބްގައި ފިރާސް ހުޅުވި މި ކެފޭ އަށް ކިޔަނީ "މޯނިންގް އައިކަން ކެފޭ" އެވެ. މިތަނުގައި މަސައްކަތްކުރާ އެންމެ ޒުވާން ކުއްޖާ އިން ފެށިގެން އެންމެ ދުވަސްވީ މީހާ އަކީ ވެސް އަންހެނުންނެވެ.

ޔަމަނުގެ ސަގާފަތުގައި އަންހެނުންނާއި ފިރިހެނުން މަސްހުނި ވެގެން އުޅުމަކީ ގިނަ ބަޔަކު އެހާ ތަރުހީބު ދޭ ކަމަކަށް ނުވެ އެވެ. އެހެންވެ ގިނަ އަންހެންވެރިންނަށް ބޭރަށް ގޮސް ސައިބޯލާ ކާ އެއްޗެއް ކާލާ ހެދުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. އަދި އެކި ވަޒީފާ ތަކަށް ވެސް ބޭރު ތެރެއަށް ނުކުމެ އުޅުމަކީ އެ ރަށުގެ ބައެއް އަންހެނުންނަށް ކުރަން ކެރޭ ކަމަކަށް ނުވެ އެވެ. ފިރިހެނުންނާ މަސްހުނި ވެގެން އުޅެން ޖެހޭނެތީ އެވެ. އެހެންވެ އުމްމު ފިރާސްގެ މި ރެސްޓޯރަންޓަކީ މިފަދަ އަންހެނުންނަށް ވެސް ހަމަޖެހިލައިގެން މަސައްކަތް ކޮށްލޭވޭނެ ކަހަލަ މާހައުލެއް އޮތް ތަނަކަށް ވަނީ ވެފަ އެވެ.

އޭނާ ބުނި ގޮތުގައި ބައެއް ކަހަލަ ވިޔަފާރިތަކުގައި އަންހެނުންނަށް ވެސް މަސައްކަތް ކުރެވިދާނެކަން އޭނާގެ މި ކެފޭއިން ސާބިތުކޮށްދޭން ބޭނުންވެ އެވެ. މި ކެފޭ އަށް އާއްމުކޮށް ގޮސް އުޅޭ މެޑިކަލް ސްޓޫޑަންޓެއް ކަމަށްވާ ވަދާދް ބުނި ގޮތުގައި އެ ކެފޭއިން ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބެން ހުންނާތީ އޭނާއަށް ވަރަށް ފަސޭހަ ވެއެވެ. ޔުނިވަސިޓީން ލިބޭ ހުސް ގަޑިގައި އެއްޗެއް ކާލައި ފިލާވަޅުތައް ހަދާލަން އޭނާއަށް މި ތަނުގައި ހަމަޖެހިލައިގެން އިނދެވޭ ކަމަށް އޭނާ ބުންޏެވެ.

ހަ އަހަރު ދުވަހުގެ ހަނގުރާމައަށްފަހު ޔަމަނުގެ މީހުންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވި މަޑުމަޑުން ވިޔަފާރިތައް ފެށި ކުރިއެރުންތައް ލިބެމުންދާއިރު މި ކެފޭ އަކީ ވެސް ވަރަށް ގިނަ ބައެއްގެ ހިތްހަމަޖެހުމާ ގުޅިފައިވާ ތަނަކަށް މިހާރު ވަނީ ވެފަ އެވެ.

އުމްމު ފިރާސް ބުނި ގޮތުގައި ޔަމަނުގައި މިފަދަ ކެފޭ އެއް ހިންގުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު ބަނޑަށް ޖެހި ކުށްކުރުން އިންތިހާއަށް އިތުރުވެފައި ވުމާއި ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައި ވުމާއި އަދި ބަލިތައް އާންމުވެފައިވުމުގެ ސަބަބުންނެވެ. ނަމަވެސް މިފަދަ ހާލަތުގައި ގައުމު އޮތަސް އޭނާގެ ކެފޭއިން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ބަޔަކަށް ލިބި ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކުރެވުނީތީ އުމް ފިރާސް ހުރީ ހިތްހަމަޖެހިފަ އެވެ.

އުމްމު ފިރާސްގެ ކެފޭގައި ތައްޔާރުކުރާ ކޮފީ އާއި ބުއިންތައް އޭނާ ގެންނަނީ ބޭރު ގައުމުތަކުންނެވެ. އޭނާ ބުނި ގޮތުގައި ކޮލިޓީ ހިފެހެއްޓުމާއެކު އަގު ބޮޑުނުކޮށް ވިއްކުމަކީ އޭނާ ވަރަށް ސަމާލުކަން ދޭ ކަމެކެވެ. ސަބަބަކީ ގައުމުގެ ގިނަ ބަޔަކު ވަރަށް ދަތި ހާލުގައި މިހާރު އުޅޭތީ މާ އަގުބޮޑު ކޮށްފިނަމަ ގިނަ ބަޔަކަށް ޚިދުމަތް ނުހޯދޭނެތީ އެވެ.