ވޭތުވެދިޔަ ދިހަ އަހަރު ދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔައީ ޗައިނާއިންނެވެ. މިދިޔަ އަހަރު އެކަނި 200،000 އަށް ވުރެ ގިނަ ޗައިނާ ޓޫރިސްޓުން އެ ގައުމުން އައިސްފައިވެ އެވެ. އެހެންވެ ރާއްޖެ އަށް "ޗައިނީސް" މާކެޓުގެ މުހިންމުކަން އޮތީ ބޮޑުވެފަ އެެވެ. ނަަމަވެސް ކޮވިޑް-19 އާއެކު ބޯޑަރު ބަންދުކޮށް އަލުން ހުޅުވުނުނަމަވެސް ޗައިނީސް މާކެޓުން ހުޅުވޭނެ ދުވަހެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ދެކިވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ ޓާގެޓަށް ވާސިލްވާ ބޭނުންނަމަ ޗައިނާ މާކެޓު ހުޅުވަން އަވަސް މަސައްކަތް ތަކެއް ކުރަން ޖެހެ އެވެ. އެހެންނޫން ނަމަވެސް މި ސިނާއަތަށް ގެއްލުން ތަކެއް ވުމުގެ ފުރުސަތު އެބައޮތެވެ.
"ޗައިނީސް އަކީ އެ މީހުން ބޭނުންވާ ސާވިސްތައް ލިބިއްޖެނަމަ ސްޕެންޑިން ވެސް މަތިބައެއް. އަނެއްކާ އެއްފަހަރާ ގިނަ ބަޔަކު އަންނާނެ. ގިނައިން އަންނާނީ ގްރޫޕް އެހެންވީމަ ރާއްޖޭގެ ޓޫރިޒަމަށް ފައިދާތަނެއް ކުރާ މާކެޓެއް މިއީ. ނަމަވެސް މި މާކެޓު ހުޅުވުން ލަސްވުމަކީ މައްސަލައެއް. މިއަށް ވުރެ އެކްޓިވްކޮށް ސަރުކާރުން އެބަޖެހޭ މި މާކެޓް [ޗައިނީޒް] ހުޅުވަން މަސައްކަތް ކުރަން،" ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާ ދުވަސްވީ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ޔޫރަޕް ލޮކްޑައުންއަށް ޗައިނާ މާކެޓު މުހިންމު
ގްރޫޕް ހަދައިގެން ގިނައިން ދަތުރުކުރާ ޗައިނާ މާކެޓުން ރާއްޖޭގެ ޓޫރިޒަމް ބަންދުކުރިއިރު ގެސްޓްހައުސް ތަކަށް ވެސް ކޮންމެ ވެސް ވަރަކަށް މީހުން ދިޔައީ އަންނަމުންނެވެ. ނަމަވެސް މި މާކެޓުގެ މައިގަނޑު ޓާކެޓަކީ މެދި ފަންތި އާއި މަތީ ރިސޯޓް ތަކެވެ. އެ މީހުންނަކީ ޔޫރަޕު މީހުންހެން ޗުއްޓީ އަށް ގޮސް މަޑުމައިތިރި ކަމާއެކު ތިބޭ ބައެއް ނޫނެވެ. ޗައިނާ މީހުންގެ ކޮންމެ ދުވަހެއްގެ ޝެޑިއުލް ވެސް އޮންނާނީ ފުލްކޮށެވެ. އިރު އެރުމާއެކު އެކްޓިވީޓީތައް ފަށަ އެވެ. ސްނޯކްލިން އިން ފެށިގެން މޫދު ކުޅިވަރު ފަދަ ހަރަކާތްތަކުގައި މަސްހޫލުވެ އެވެ. އެހެންވެ މި މާކެޓުން ޓޫރިސްޓުން ގެންނަ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ބަލާއިރު މިހާލަތުން "ޗައިނީސް" ފަދަ މާކެޓުތައް އިތުރު ކުރުމުގެ މުހިންމުކަން ބޮޑެވެ. ސަބަބަކީ ކޮވިޑް-19 އަށްފަހު ޓޫރިޒަމް އަލުން ހުޅުވުނުއިރު އަޅުވާފައިވާ ޑިސްކައުންޓްތަކެވެ. ގިނަ ރިސޯޓުތަކުގެ ކޮޓަރިތަކުގެ އަގުތައް ވަނީ ބޮޑުތަން ވައްޓާލާފަ އެވެ. އެހެންވެ މިހާރު ބޭނުންވަނީ އެހެން ގޮތަކުން މި އަންނަ މީހުން އަތުން އާމްދަނީ އިތުރުވާނެ ގޮތެކެވެ. ދައުލަތުގެ އާންދަނީ މަތިވާނީ ވެސް އޭރުންނެވެ. އަދި ޓޫރިޒަމް ސިނާއަތް މިހާރު ވެއްޓިފައިވާ މާލީ އަޑިގަޑުން އަރައި ގަނެވޭނީ ވެސް އޭރުންނެވެ.
މި ފަދަ މުހިންމުކަން ބޮޑު މާކެޓެއް އަތުގައި އޮއްވައި، މި މާކެޓު ހުޅުވަން މަސައްކަތް ކުރަންވާ ވަރަށް ކުރެވޭ ތޯ މިއީ ސުވާލެކެވެ. ރާއްޖޭގެ ޓޫރިޒަަމްގެ 30 ޕަސެންޓުގެ ހިއްސާކުރި ޗައިނާގައި ވަނީ ކޮވިޑް-19 ގެ ބަލި ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. މި ބަލި އެންމެ ބޮޑަށް ފެތުރުނު ސިޓީތައް ހުރީ ގާތްގަނޑަކަށް ނޯމަލް ހާލަތަށް ގެނެސްފަ އެވެ. މި ހާލަތަށް ޗައިނާ ރަނގަޅު ވެފައިވާއިރު އެ ގައުމުން ވަނީ އެތެރޭގެ ޓޫރިޒަމް ހިންގަން ފަށާފަ އެވެ. އަދި ޗައިނާ އިން މިހާރު ވަނީ މަޑުމަޑުން ބައެއް ގައުމު ތަކަށް މީހުން އެތެރެ ކުރަން ވެސް ފަށާފަ އެވެ.
ވީއައިއޭގެ ޓެސްޓް ކުރާނެ ފެސިލީޓީ ކޮބާ؟
ކޮވިޑް-19 އަށްފަހު ޗައިނާ އިން ވަނީ ތައިލެންޑަށް ޓޫރިސްޓުން ފޮނުވަން ފަށާފަ އެވެ. ތައިލެންޑު މާކެޓުގެ މުހިންމު ހިއްސާއެއް ކުރާ ޗައިނީސް ޓޫރިސްޓުންގެ 39 މީހަކު މިމަހުގެ 20 ވަނަ ދުވަހު ވަނީ އެ ގައުމަށް ގޮސްފަ އެވެ. މިއީ އެ މާކެޓު
ހުޅުވާލުމުގެ ފެށުމެކެވެ. ޗައިނާ އާއި ތައިލެންޑުން ވަނީ "ޓްރެވަލް ބަބަލް" އެއް ހަދާފަ އެވެ. އަދި ސިންގަޕޫރުން ވެސް ވަނީ މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޗައިނީސް މާކެޓު ހުޅުވާލާނެ ކަމަށް ބުނެފަ އެވެ. އަދި ޗައިނާ އިން ވަނީ އަވަށްޓެރި ސްރީލަންކާ އަށް އެ މާކެޓު ހުޅުވާލާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ސްރީލަންކާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ އެ މަސައްކަތަށް ވަނީ ކޮންމެ ވެސް ވަރެއްގެ ހުއްޓުމެއް އައިސްފަ އެވެ.
ގައުމުތަކަށް ޗައިނާ މާކެޓު ހުޅުވަމުންދާއިރު، ރާއްޖޭގެ މާކެޓު ހުޅުވޭނީ ކޮން ދުވަހަކުންތޯ އިންޑަސްޓްރީން ސުވާލު އުފައްދަ އެވެ. ޓޫރިޒަމް ހީނަރުވި ނަމަވެސް ޗައިނާ މާކެޓު ނުހުޅުފައި "ޖިއޯ ޕޮލިޓިކްސް" ގެ މަޅީގައި ބެދިގެން ތިބޭނީ ހެއްޔެވެ؟
ދިވެހި ސަރުކާރުން ބުނަނީ ޗައިނާ މާކެޓު ހުޅުވާލަން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެ ކަމަށް އެދެވޭ ވަރާ ގާތަށް ވެސް މަސައްކަތް ނުކުރުމެވެ. ހަމައެކަނި އަރުވަނީ އަޑެވެ. ޗައިނާ މާކެޓު ހުޅުވަން ހަގީގީ މަސައްކަތް ތަކެއް ނުކުރެ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗައިނާގެ ގައުމީ ދުވަހު ޗައިނާ އިން ރާއްޖެ އަށް ދަތުރު ފަށަން އެދި ލައްވާފަ އެވެ. ނަމަވެސް ހަގީގީ މަސައްކަތް ކުރެވޭ ތަނެއް ނުފެނެ އެވެ. ބޯޑަރު ހުޅުވަން ކައިރިވެފައިވަނިކޮށް ސަރުކާރުން އިއުލާނުކޮށްފައިވަނީ އެ ގައުމުން މީހުން އަންނަ ކޮށްފައިވާ ޝަރުތަކީ ވީއައިއޭގައި 1،000 މީހުންނަށް ޓެކްސްޓް ކުރެވޭނެ ފެސިލިޓީއެއް ގާއިމް ކޮށް ދިނުން ކަމަށެވެ. އަދި އެ ފެސިލިޓީ ޗައިނާ އިން ގާއިމްކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް އެކަމެއް އަދި ވެސް ނުފެނެ އެވެ. ވީއައިއޭގައި ގާއިމް ކުރަން ބުނި ޓެސްޓް ކުރާ ފެސިލިޓީ ކޮބައި ހެއްޔެވެ؟
ހަމަ އަޑެއް- ޗައިނާއިން އެއާލައިނެއް ނުފަށާނެ
އަމަލީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރާ ހަމައެކަނިކަމަކީ ދޭތެރެ އިން ތިބެފައި ޗައިނީސް މާކެޓު ހުޅުވާ ކަމަށް އަޑު ތަކެއް ފެތުރުމެވެ. ސުރުހީ ތަކެއް ހެދުމެވެ. މި ފަހުން މިގޮތަށް ފެތުރި އަޑަކީ ޗައިނާގެ އެއާލައިން ތަނެއް މި މަހު ދަތުރު ފަށަން އުޅޭ ކަމަށް ބުނެ ފެތުރި އަޑެވެ. ނަމަވެސް ހަގީގަތަކީ ޗައިނާގެ އެއްވެސް އެއާލައިނެއް ފަށާކަށް ނޫޅެ އެވެ. ސަބަބަކީ ސަރުކާރުން އެކަމަށް މަސައްކަތް ނުކުރުމެވެ. ޗައިނީސް މާކެޓު ހުޅުވަން އެ މީހުން ބުނި ޝަރުތު ފުރިހަމަ ކޮށްފައެއް ނުވެ އެވެ.
ރާއްޖެ އަށް ފަށާ ކަމަށް ބުނި، ޗައިނާ އެއާލައިންގެ ކަންކަން އެނގޭ މީހަކު އަވަސް އަށް ބުނި ގޮތުގައި ސަރުކާރުން ހަމައެކަނި ދަތުރަކީ އަޑެކެވެ. މިފަދަ އަޑުތަކުގެ ސަބަބުން އެއާލައިން ތަކުން ވެސް ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ.
"އެއާލައިން ފަށާ ކަމަށް އަޑުފެތުރީމަ އެ މީހުން ވަރަށް ޝަކުވާ ކުރި. ހިއެއް ނުވެ މި އަހަރު ވެސް އިތުރު ޗައިނާ އެއާލައިނެއް ފަށާނެ ހެނެއް. ސްލޮޓަކަށް އެދުމަކީ އަދި ފެށުމެއް ނޫން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ޗައިނާ ޓޫރިސްޓުން އަންނަ ރިސޯޓެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ޗައިނާ މާކެޓު މި ހާލަތުގައި ހުޅުވުމުގެ މުހިންމުކަން ބޮޑެވެ.
"މިހާރުގެ އެރައިވަލް ޓްރެންޑް ހިފެއްޓުމަށް ވެސް ޗައިނީސް މުހިންމު. ޔޫރަޕުގެ މުހިންމު މާކެޓުތައް އަލުން އެދަނީ ލޮކްޑައުން ކުރަމުން. އެހެންވީމަ އެބައި ފޫބައްދަން ވެސް ޗައިނީސް މާކެޓު ހުޅުވުން މުހިންމު. ހުޅުވާތަނުން މާގިނަ ޓޫރިސްޓުންނެއް ނާންނާނެ. އެކަމަކު މަޑުމަޑުން އިތުރުވާނީ. މީގައި ހަގީގީ ހަމަ ޖެހުމެއް އަންނާނީ ވެކްސިން ލިބުނު ދުވަހަކުން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމީ އެއާލައިން ޗައިނާއަށް އުދުއްސައިގެން ޗައިނާ އިން މީހުން ގެންނަ ފަށަންވީ ދުވަސް ޖެހިއްޖެ ކަމަށެވެ.
"މޯލްޑިވިއަން އެއޮތީ ހާލަތުގަ. މިހާރު ގައުމީ އެއާލައިން ފޮނުވައިގެން ޗައިނާއިން ޓޫރިސްޓުން ގެންނަންވީ. ކުރިން ހަފުތާއަކު 600 މީހުން ގެނައި އެމީހުން [މޯލްޑިވިއަން] މިހާރުވެސް ރަނގަޅު އަދަދެއް ލިބޭނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ޗައިނާގައި އިސްތިހާރު ކުރުން- ސުމެއް
ސަރުކާރުން ވަނީ ސިންގަޕޫރާއެކު "ޓްރެވަލް ބަބަލް" އެއް ހަދަން ވިސްނާ ކަމަށް ބުނެފަ އެވެ. ޗައިނީސް މާކެޓު ސިންގަޕޫރަށް ހުޅުވާލާފައިވާތީ، މިއީ އެ މާކެޓުން ކޮންމެ ވެސް ވަރެއް ރާއްޖެ އަށް ގެނެވިދާނެ ގޮތެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ސަބަބަކީ ސިންގަޕޫރަށް ދަތުރު ކުރާ ޗައިނާގެ މަތީ ފަންތީގެ ޓޫރިސްޓުން ގެނެވޭނެ އޮޕްޝަންތައް ހުޅުވުމެވެ.
މިގޮތަށް ވެސް ޗައިނީސް މާކެޓު ހުޅުވާލެވޭނީ އެ ގައުމުގައި މާކެޓިން ހަރަކާތް ތަކެއް ހިންގިގެންނެވެ. ބޮޑު ބަޖެޓެއް ދީފައިވާ އެމްއެމްޕީއާރުސީ އިން ބޯޑަރު ހުޅުވިފަހުން ޗައިނާގައި މާކެޓު ކުރަން މަސައްކަތެއް ނުކުރެ އެވެ. މިފަހުން ބޭއްވި ވެބިނާ ނޫން ކަމެއް އެ މީހުންނެއް ނުކުރެ އެވެ. ޗައިނާ މާކެޓުގައި އިސްތިހާރު ނުކޮށް އެ މާކެޓުން މީހުން ގެނެވޭނެ ހެއްޔެވެ؟
"ޗައިނާއަކީ ފާޑެއްގެ މާކެޓެއް. އެ މީހުންގެ މި ހުންނަނީ ހާއްސަ ވަސީލަތްތަކެއް އެ މީހުންނަށް ރީޗް ވެވޭނެ. މި އެއްޗިހީގައި އިސްތިހާރު ކުރަން ޖެހޭނީ. ފޭސްބުކް ނޫނީ ޓުވިއާ އާއި އިންސްޓަގްރާމްއަކީ އެ މީހުން އެކްސަސްވާން ދަތި ޕްލެޓްފޯމްތައް. ޗައިނީސް އަށް ރީޗް ނުވާނަމަ ކުރިއަށް އޮތްތަނުގައި އެ މާކެޓު ޕިކް ކުރަން ދަތިވާނެ."
ކޮންމެ ގޮތެއްގައި ވިއަސް ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓެކެވެ. އެހެންވެ އެ މާކެޓު ހުޅުވަން މަސައްކަތް ކުރަން ޖެހެ އެވެ. ޗައިނާއިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުން މި މާކެޓު ރާއްޖެއަށް ނެތްކަމަށް ބުނެވިދާނެ އެވެ. މިކަންވާނީ ޓޫރިޒަމަށް ބޮޑު ގެއްލުމަކަށެވެ.