ހަބަރު

ކޮވިޑު ހަރަދާ ގުޅިގެން އެންޑީއެމްއޭ އާއި އޮޑިޓް ހާޒިރު ކުރަނީ

ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަރަދު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފައިވާއިރު، އޮޑިޓު ރިޕޯޓާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރަން އޮޑިޓަރު ޖެނެރަލްގެ އޮފީހާއި، އެންޑީއެމްއޭގެ ބޭފުޅުން އެއް ބައްދަލުވުމަކަށް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

އެންޑީއެމްއޭއިން ކޮވިޑްގެ ބަލިމަޑުކަމުގައި ކޮށްފައިވާ ހަރަދުތަކާއި އެ ހަރަދުތައް ކޮށްފައިވާ ގޮތުގެ ތަފްސީލްތައް ހިމަނައި، މިދިއަ މަހު އާއްމުކޮށްފައިވާ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

އެ ރިޕޯޓާ ގުޅިގެން ދެ ފަރާތުންވެސް ލިޔެކިއުންތައް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި، ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވީ ކޮމިޓީގެ އެއް ބައްދަލުވުމަކަށް އެންޑީއެމްއޭ އާއި އޮޑިޓް އޮފީސް ހާޒިރުކޮށްގެން އިތުރު މައުލޫމާތު ސާފު ކުރުމަށެވެ.

ޔައުގޫބު ހުށަހެޅުއްވި ހުށަހެޅުން، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، އެ ބައްދަލުވުން ބާއްވާނެ ވަކި ދުވަހެއް މިއަދު ހާމަކޮށްފައެއް ނުވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ހަރަދުކުރުމަށް 957,419,164 ރުފިޔާ ވަނީ ލިބިފައެވެ. އެއީ ދައުލަތުގެ ބަޖެޓުންު ލިބުނުު 873,362,767 ރުފިޔާ އާއި ދައުލަތުގެ ބަޖެޓުން ޓްރަސްޓް ފަންޑަށް ލިބުނުު 84,056,396 ރުފިޔާއެވެ. އޮޑިޓް ކުރުމާ ހަމަައަށް އެ އޮތޯރިޓީން ހަރަދުކޮށްފައިވަނީ 234,880,071 ރުފިޔާއެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ބަލާއިރު މާލެ ސަރަހައްދުން އެކޮމޮޑޭޝަނަށް ހަމަޖެއްސި ގެސްޓްހައުސްތަކާއި އެކުު އެއްބަސްވުމެއް ހަދާފައި ނެތުން ވަނީ ފާހަގަކޮށްފައެވެ. އެއްބަސްވުމެއްނެތި 34 ގެސްޓް ހައުސްއެއްގައި މީހުން ބޭތިއްބުމަށް 16,737,338 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ގެސްޓްހައުސްތަކުގައި ތިބި މީހުންގެ މައުލޫމާތުު ކަށަވަރު ނުކޮށް ބިލުތަކަށް ފައިސާ ދައްކާފައިވާއިރު އެއްބަސްވެފައިވާ ރޭޓަށް ވުރެ އިތުރަށް އެކަމަޑޭޝަންގެ ގޮތުގައި ރިސޯޓަކަށް ފައިސާ ދައްކާފައިވާ މައްސަލައެއްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. ފެސިލިޓީތަކަށް ނަގާ ރިސޯޓްތަކަށް ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދުވާލަކު ހަރަދުކުރަނީ 750 ރުފިޔާ ނަމަވެސް އެއް ރިސޯޓަަކަށް ދުވާލަކަށް 840 ރުފިޔާގެ މަގުން ބިލްކޮށްފައިވާއިރު އެ ރިސޯޓަށް 206,280 ރުފިޔާ އިތުރަށް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް އޮޑިޓްގައި ނެތެވެ.

މީގެ އިތުރުން ފެސިލިޓީ ތަކަށްު ކެއުންު ފޯރުކޮށް ދިނުމަށްުު ކުރި ޚަރަދުތަކުގައިވެސް ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އެކި ފެސިލިޓީތަކަށް ކެއުން ފޯރުކޮށްދިނުމަށް 17,125,268 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ސްޓޮކް ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާ މައްސަލަތަކެއްވެސް އޮޑިޓަރު ޖެނެރަލްގެ ރިޕޯޓްގައިވެއެވެ. އަދި އޯޑަރުު ކުރި ތަކެތި ލިބުނުކަން ކަށަވަރު ނުކޮށް ތަކެތި ލިބުނު ކަމަށް ސިސްޓަމުގައި ރެކޯޑްކޮށްފައިވާ ކަމަށްވެސް ބުންޏެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް އޯޑަރުކޮށްފައިވާ 22,437,177 ރުފިޔާގެ ތަކެތި ނުލިބެނީސް އެ ތަކެތި ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރިކޯޑްކޮށްފައިވެއެވެ. އެގޮތަށް އަމަލުކޮށްފައިވަނީ މިތަކެއްޗަށް އެޑްވާންސްކޮށް ފައިސާ ހޯދުމަށް އެސްޓީއޯއިން ފޮނުވާފައިވާ ސިޓީއަކީ އިންވޮއިސް ކަމަށް ބަލައި ސިސްޓަމްގައި އެގޮތަށް ރިކޯޑުކޮށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، އެ އޮޑިޓް ރިޕޯޓުގައި މައުލޫމާތު ހިމަނާފައި ވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.