އައިޝްވާރިޔާ ރާއީ

ޝާހްރުކްގެ ނުފޫޒުން އެތައް ފިލްމެއް އައިޝްވަރިޔާއަށް ގެއްލުނު

އައިޝްވަރިޔާ ރާއީ ބައްޗަންގެ ބޮލިވުޑް ކެރިއަރު އަޑިގަނޑުތަކާއި އުސްގަނޑުތައް އައި ކަމުގައި ވިޔަސް އެއީ ވަރަށް ކާމިޔާބު ކެރިއަރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އައިޝްވަރިޔާ، 47، އަށް ހިންދީ ފިލްމު އިންޑަސްޓްރީގައި މާ އުނދަގޫ ކަންކަމާ ދިމާ ނުވާނެ ކަމަށް ގިނަ ބަޔަކަށް ހީވިޔަސް ހަގީގަތަކީ އެއެއް ނުނެވެ. އައިޝްވަރިޔާއަށް ވެސް ހީނުކުރާ ކަހަލަ ބޮޑެތި ކަންކަމާ ބޮލީވުޑުން ކުރިމަތިލާން ޖެހުނެވެ. ޚާއްސަކޮށް ޝާހްރުކް ޚާން ކަހަލަ ސުޕަސްޓާރަކު އައިޝްވަރިޔާ އާ ދެކޮޅަށް މަސައްކަތްކޮށް އޭނާ ކުޅެމުންދިޔަ އަދި ސޮއި ކޮށްފައިހުރި ގިނަ ފިލްމުތަކަކުން އޭނާ ވަކި ކުރަން ނުފޫޒު ފޯރުވުމަކީ އެއްގޮތަކަށް ވެސް އާދައިގެ ކަމަކަށް ނުވާނެ އެވެ.

އައިޝްވަރިޔާ އާއި ޝާހްރުކް މައްސަލަ ޖެހުނުއިރު އައިޝްވަރިޔާ ދިޔައީ "ޗަލްތޭ ޗަލްތޭ"ގައި މަސައްކަތް ކުރަމުންނެވެ. ޝާޙްރުކް އާއެކު އޭނާ ކުޅެމުންދިޔަ ފިލްމުން ކުއްލިއަކަށް އޭނާ ވަކިކޮށް، ރާނީ މުކަރުޖީ އަށް ފިލްމު ދިންއިރު އައިޝްވަރިޔާ ދޮންކަޅުމިން ވެސް އަންގާ ނުލަ އެވެ. އަމިއްލަ ސަބަބުތަކަކާ ހެދި ކަމަށް ބުނެ ކުއްލިއަކަށް ޝާހްރުކް އައިޝްވަރިޔާ އެ ފިލްމުން ބޭރުކޮށްލުމުން އައިޝްވަރިޔާ އަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ.

ސިމީ ގަރެވާލް ޝޯގައި ބައިވެރިވެ އައިޝްވަރިޔާ ވަނީ މި ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އައިޝްވަރިޔާ ބުނި ގޮތުގައި އޭނާއަކަށް އެއްގޮތަކަށް ވެސް އެކަން ވީ ކިހިނެއް ކަމެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް އެއްވެސް ކަހަލަ މަގްބޫލު އުޒުރެއް ނުދައްކާ ކުއްލިއަކަށް ފިލްމުތަކުން ވަކި ކުރުމުން ވާނުވާ އޮޅި ވަރަށް ހިތަށް އަސަރުކުރި ކަމަށް އޭނާ ބުންޏެވެ.

އެ ސުވާލު އެއްވެސް ފަހަރަކު ޝާހްރުކް އާ ކުރިންތޯ ސިމީ ސުވާލު ކުރުމުން އައިޝްވަރިޔާ ބުނީ އެގޮތަށް ސުވާލު ކުރުމަކީ އޭނާ ކޮށް އުޅޭ ކަމެއް ނޫން ކަމަށެވެ.

"އެއީ އަހަރެންގެ ކިބައިގައި ހުރި ސިފައެއް ނޫން. އެކަން ދިމާވި ގޮތެއް އެ މީހަކު އަމިއްލައަށް އޮޅުންފިލުވައި ދޭން ބޭނުމިއްޔާ ކިޔައި ދެވިދާނެ. އަމިއްލައަށް ސުވާލު ކުރުމަކީ މަގޭ ގޮތެއް ނޫން،" އައިޝްވަރިޔާ ބުންޏެވެ.

ހަގީގަތުގައި އައިޝްވަރިޔާ ދެކެ ޝާހްރުކް ރުޅިއައީ ސަލްމާން ޚާނާ ހެދި އެވެ. "ޗަލްތޭ ޗަލްތޭ" ގެ ޝޫޓިން ފެށިއިރު ސަލްމާނާއި އައިޝްވަރިޔާ އުޅެނީ ރައްޓެހިވެގެނެވެ. އަދި ދެ މީހުންގެ މެދުގައި ވަރަށް ގިނަ މައްސަލަތައް އެދުވަސްވަރު އޮތީ ޖެހިފަ އެވެ. އެއް ދުވަހު އައިޝްވަރިޔާ އާ ވާހަކަ ދައްކަން "ޗަލްތޭ ޗަލްތޭ" ގެ ސެޓަށް ސަލްމާން ގޮސް އެ ސެޓަށް ގެއްލުންދީ ވަރަށް އަޑުގަދަ ކުރި އެވެ. އަދި އައިޝްވަރިޔާ ވަގުތުން އެ ތަނުން ސަލްމާން ގޮވައިގެން ދިޔައީ އެވެ. ޝާހްރުކް ރުޅިއައި އައިޝްވަރިޔާ ދިޔައިމަ ކަމަށް އެ ދުވަސްވަރު ނުކުތް ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

"ޗަލްތޭ ޗަލްތޭ"އަކީ ޝާހްރުކްގެ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި ފިލްމެކެވެ. މި ފިލްމު ނޫނަސް އޭރު އައިޝްވަރިޔާ ކުޅެން ހަމަޖެހިފައި އޮތް ވަރަށް ގިނަ ފިލްމުތަކަށް ޝާހްރުކް ނުފޫޒުފޯރުވައި އައިޝްވަރިޔާ އެ ފިލްމުތަކުން ވަނީ ވަކިކޮށްފަ އެވެ.

މި ކަމާ ރުޅިއައިސްގެން ޝާހްރުކް އާއި ރާނީ މުކަރުޖި އާ ވާހަކަ ނުދައްކާ އައިޝްވަރިޔާ ވަރަށް ގިނަ ދުވުހު ހުއްޓެވެ. ނަމަވެސް މިހާރު ހުރިހާ ތަރިން ވެސް ވަނީ މާޒީ ހަނދާން ނައްތާލައި އަލުން ސުލްހަ ވެފަ އެވެ.