ހަބަރު

ބީއެމްއެލް އިން ކެންސާ ސޮސައިޓީއަށް ދޮޅުލައްކަ ރުފިޔާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް 150،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ އެ ޖަމިއްޔާއިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ޕިންކް ރިބަން ރަން- ވޯލްކް އަށް ދެވުނު އެހީއެއް ކަމަށެވެ. މި އެހީ އެޖަމިއްޔާ އާ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ.

ހަދިޔާކޮށްދެއްވުމަށްފަހު ޓިމް ވަނީ ސީއެސްއެމްގެ ބައެއް މެންބަރުންނާއި، އުރަމަތީގެ ކެންސަރުން ފަރުވާ ހޯދައި ރަނގަޅުވެފައިވާ ބައެއް މީހުން އަދި މި ބަލިން ފަރުވާ ހޯދަމުންދާ މީހުންނާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ކެންސަރު ބަލިން ރަނގަޅުވި މީހުން ވަނީ ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރި ހިތްވަރާއި، ކެރިގެން ބައްޔާ ކުރިމަތިލުމާއި އަދި އުއްމީދާއެކު މަސައްކަތްކުރިކަމުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ޕިންކް ރިބަ ރަން- ވޯކް ހަރަކާތް މިއަހަރު ބާއްވާފައިވަނީ ވާޗުއަލް އިވެންޓެއްގެ ގޮތުގަ އެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 700 މީހުން ވަނީ ބައިވެރިވެފަ އެވެ. 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން އަންނަނީ އެ ބޭންކު އިޖްތިމާއި ޒިންމާގެ ދަށުން ކެންސާ ސޮސައިޓީއަށް އެހީތެރިވަމުންނެވެ.