ހަބަރު

ދެ ދުވަހުން ހެކްޓަރެއް ހިއްކޭ ޑްރެޖަރެއް 63 މިލިޔަން ޑޮލަރަށް އެމްޓީސީއަށް ގަންނަނީ

Jan 11, 2015
1

ބިން ހިއްކުމުގެ މަސައްކަތްތަކުގައި ބޭނުން ކުރުމަށްޓަކައި، ރާއްޖޭގެ ކުންފުންޏަކުން މިހާތަނަށް ގެންނަ އެންމެ ބޮޑު ޑްރެޖަރު ގެނައުމުގެ މަސައްކަތްތައް ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ފަށައިފި އެވެ.

އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު މިއަދު ވިދާޅުވީ، އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ހެކްޓަރެއް ދެ ދުވަހުން ހިއްކޭ ވަރުގެ "ހޮޕަ ޑްރެޖަރެއް" އެ ކުންފުންޏަށް ގަތުމަށް ކަމަށެވެ.

ހޮޕަ ޑްރެޖަރަކީ ބިން ހިއްކުމަށް ދުނިޔޭގައި ބޭނުން ކުރަމުން އަންނަ އެންމެ ޒަމާނީ ބާވަތުގެ ޑްރެޖަރެވެ.

ރައްޒާގު ވިދާޅުވި ގޮތުގައި އެ ޑްރެޖަރު ގަތުމަށް ވާހަކަ ދައްކަމުން އަންނަނީ އެފަދަ އުޅަނދުތައް އުފެއްދުމުގައި އެންމެ މަޝްހޫރު ހޮލެންޑްގެ އައިއެޗްސީ ކުންފުންޏާ އެވެ. އޭގެ އަގު 36 މިލިއަނެއްހާ ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން ލަފާކުރާ ކަމަށް ވެސް ރައްޒާގު ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ބިން ހިއްކުމުގެ މަސައްކަތްތައް ހައްލުވި ކުރުމަށް އަޅުގަނޑުމެން ކުރާ ދިގު މުއްދަތުގެ އިންވެސްޓްމަންޓެއް،" ރައްޒާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކުރަމުން އަންނަ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ އަލަށް ގެންނަ ޑްރެޖަރު މި އަހަރުގެ ފަހުކޮޅުގެ ތެރޭގައި ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެމްޓީސީސީން ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ބޭނުން ކުރަނީ ވަރަށް ކުރީގެ ކުޑަ ދެ ޑްރެޖަރެކެވެ. ރައްޒާގު ވިދާޅުވީ އާ ޑްރެޖަރު ގެނެވިއްޖެ ނަމަ ބިން ހިއްކުމުގެ މަޝްރޫއުތައް ވަރަށް ބޮޑަށް އަވަސް ވާނެ އެވެ. އަދި މިއީ ބިން ހިއްކުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ކުޑަވެގެން އަންނާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބިން ހިއްކުމަށް ދައުލަތުން ވަރަށް ބޮޑު ހަރަދެއް އެބަ ކުރޭ ސީދާ ބަޖެޓުން. އެކަމަކު ދައުލަތުގެ ކުންފުންޏަކުން މި ކަހަަލަ ބޮޑު ޑްރެޖަރެއް ގަތީމާ އޭރުން ބަޖެޓުން ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަކޮށްލެވޭ. މިއީ ވެސް މީގެން ހާސިލް ކުރެވޭނެ ވަރަށް ބޮޑު ކަމެއް،" ރައްޒާގު ވިދާޅުވި އެވެ.

ބަޖެޓްގައި ހުންނަ ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަކަކީ ބިން ހިއްކުމުގެ މަޝްރޫއުތަކެވެ. އެ މަޝްރޫއުތަކަށް ދައުލަތުން އަހަރަކު ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.