ހަބަރު

އަންނަ އަހަރުގެ ނިޔަލަށް ދަރަނި 82.8 ބިލިއަން ރުފިޔާއަށް

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުން މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން، ކޮވިޑް-19 އިގެ ހާލަތުގައި އިގުތިސޯދު މުޅީންހެން ހުއްޓި، ގައުމަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ދެވެން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުންކަމަށް ވަނީ ބުނެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް މިއަދު އަމީރު ހުށަހެއްޅުވިއިރު، އަންނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން، 124.8 ޕަސަންޓް މައްޗަށް ދާނެކަމަށް ވަނީ ލަފާކޮށްފައި އެވެ.

އަމީރު ވިދާޅުވި ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސާދު 29.3 ޕަސަންޓުން ދަށަށް ދާނެކަމަށް ބެލެވޭ ކަމަށެވެ.

މިގޮތުން، ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މި އަހަރު 65 އިންސައްތަ ދަށަށް ދާނެކަމަށާއި، އިމާރާތްކުރުމުގެ ދާއިރާއަށްވެސް ވަނީ 11 ޕަސަންޓުގެ ދަށްވުމެއް އައިސްފައިކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިއީ މީގެ ކުރިން އަހަރެއްގެ ތެރޭގައި ދުވަހަކުވެސް ދަށްވި މިންވަރެއް ނޫން. މި ކަމުގެ އަސަރު ރާއްޖޭގެ ހުރިހާ ސިނާއަތަކަށް ވަނީ ކޮށްފައި،" އަމީރު ވިދާޅުވި އެވެ.

އާމްދަނީ ލިބުން ދަތިވުމުގެ ސަބަބުން، ބަޖެޓު ފައިނޭންސްކުރުމަށްޓަކައި، ދަރަނި ނަގަންޖެހޭ މިންވަރު ވަނީ އިތުރުވެ، ދައުލަތުގެ ދަރަނި މިއަހަރުގެ ނިޔަލަށް ހުންނާނެކަމަށް ބެލެވެނީ 70.4 ބިލިއަން ރުފިޔާގައިކަމަށް އޭނާ ލަފާކުރެއްވި އެވެ.

މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެކަމުގެ ޔަގީންކަން ބޮޑުކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، އެކަމަށްޓަކައި ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް. ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެންނަންޖެހޭކަން އަމީރު ފާހަގަކުރެއްވި އެވެ.

"އެހެންކަމުން ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް ގިނަ އަހަރުތަކުގައި ކުރަން ޖެހޭނެ،" ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިގޮތުން، އަމާޒަކީ ދަރަނި ނެގުމުގައި ކޮންސެޝަނަލް ލޯނު ނެގުން ކަމަށާއި، އެކަމަށްޓަކައި ކްރެޑިޓަރުންގެ ކޮންފަރެންސެއް ބޭއްވުމުގެ މަސައްކަތްތައް ކުރެވެމުންދާކަން އަމީރު މިއަދު ހާމަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިގުތިސާދު ނެގެހެއްޓުމަށް ކުރާ މަސައްކަތުގައި ދަރަނި ބޮޑުވަމުން ދިއަ ނަމަވެސް، ސަރުކާރުން ދަރަނި އަދާކުރާނެ ކަމަށާއި، ހަރުދަނާ ޕްލޭނެއްގެ ތެރެއިން ދަރަނި މެނޭޖްކުރެވޭނެކަމުގެ އިތުބާރުވެސް އެބައޮތް ކަމަށެވެ.

ދަރަނި ދެއްކުމުގެ ގާބިލުކަމާމެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން އަމީރު ވިދާޅުވީ، އެކަން ކުރެވޭނީ ހަރުދަނާ ވިސްނުންތަކެއްގެ ތެރެއިން ކަމަށާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށެވެ.