ހަބަރު

މި މަހުގެ 26 ގައި ބަޖެޓު ފާސްކުރަން އަމާޒު ހިފައިފި

ރޭގަނޑާއެކީ މަސައްކަތްކޮށްގެން، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފާސްކުރަން، ރައްޔިތުންގެ މަޖިލީހުން އަމާޒު ހިފައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދިވެހި ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައި ދެއްވައިފަ އެވެ.

ބަޖެޓު ހުށަހެޅުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބަޖެޓާ ގުޅިގެން އިދާރީ ގޮތުން މަޖިލީހުން ކުރާނެ މަސައްކަތްތައް ތަފްސީލުކޮށްދެއްވައިފަ އެވެ.

މިގޮތުން، ނަޝީދު ވިދާޅުވީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމައަށް ބަޖެޓުގައި ހިމެނިފައިހުރި ކަންކަން މަޖިލީހުގެ މެންބަރުން ބައްލަވައި، ދިރާސާކުރުމަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އަދި މަޖިލީހުގެ ގަވައިދާ އެއްގޮތަށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީ ހިމެނޭގޮތަށް ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ސަރުކާރުން ހުށަހެޅި ބަޖެޓު މިއަދު ފޮނުވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ފަހުން މި މަހުގެ 16 ވާ ހޯމަ ދުވަހު ބަޖެޓުގެ ބަހުސް މަޖިލީހުގައި ތަޅުމުގައި ފެށޭއިރު، އެކަމުގައި ގާތްގަނޑަކަށް 21 ގަޑިއިރު ހޭދަވާނެކަމަށް ލަފާކުރެއްވޭ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް، މެންބަރުން ބަހުސްގައި ހޭދަކުރައްވާނެ ވަގުތު ކަނޑައަޅުއްވާ ދެއްވާނީ އާއްމު ކޮމިޓީން. އަޅުގަނޑު އާއްމު ކޮމިޓީގައި މިއަދު އެދޭނަން ބަޖެޓަށް ބަހުސް ކުރައްވަން ކޮންމެ މެންބަރަކަށް ލިބިވަޑައިގަންނަވާނީ ކިތައް މިނެއްޓުތޯ،" އާއްމުކޮށް ކޮންމެ މެންބަރަކަށް 15 މިނެއްޓުގެ ވަގުތެއް ލިބޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

މިގޮތުން، އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ބަޖެޓު ބަހުސް ކުރިއަށް ގެންދެވޭއިރު، ރޭގަނޑުވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެކަމަށް އެމަނިކުފާނު މިއަދު ހާމަކުރެއްވި އެވެ.

"21 ގަޑިއިރުކަމަށް އަޅުގަނޑުގެ އަންދާޒާއަކީ. ދިގުވާ ވަރަކަށް މެންދަމާ ހަމައަށް ބަހުސް ދިގުދެމިގެންދާނެ. އަޅުގަނޑުގެ އުއްމީދަކީ ފަތިހާ ހަމައަށް ނުދިއުން. މުނާޖާ ގޮވުމުގެ ކުރިން ކޮންމެ ދުވަހަކުވެސް މިކަން ކޮންމެ ދުވަހަކުވެސް ނިންމޭތޯ ބެލުން،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން، ބަޖެޓު ކޮމިޓީގެ ރިޕޯޓު ނޮވެމްބަރު 19 ވާ ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވޭއިރު، އޭގެ ދެ ދުވަސް ފަހުން ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުން ބަންދުކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެއާއެކު ނޮވެމްބަރު 23 ވަނަ ދުވަހު ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރަން ފެށުމަށް ރޭވިފައިވާއިރު، އެކަމަށް އާއްމުކޮށް ކޮންމެ މެންބަރަކަށް ހަތް މިނެއްޓުގެ ވަގުތެއް ދެވޭކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ، އެކަމަށް ވެސް 10 ވަރަކަށް ގަޑިއިރު ހޭދަވާނެ. އަޅުގަނޑު ދެކޭ ގޮތުގައި މި ނޮވެމްބަރު މަހުގެ 26 ހާ ތަނުގައި އަޅުގަނޑުމެންނަށް ބަޖެޓަށް ވޯޓަށް އެހޭނެ،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް މިއަދު އަމީރު ހުށަހެއްޅުވިއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.