ހަބަރު

އާސަންދައިން ނާޖާއިޒު ފައިދާ ނަގާ: ނަޝީދު

ހެލްތު އިންޝުއަރަންސް ސްކީމު، އާސަންދައިގެ ތެރެއިން ނާޖާއިޒު ފައިދާތައް ނަގަމުން ދާތީ، އެ ނިޒާމު ދައުލަތަށް ބޮޑު ބުރައަކަށް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ އިންޝުއަރަންސާބެހޭ ބިލުގެ ބަހުސްގެ ތެރޭ، ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވީ، އިންޝޫރަންސާބެހޭ ބިލެއްގެ ބަހުސް މަޖިލީހުގައި ކުރަމުން ދާއިރު، ދައުލަތުން އަހަރަކު ދެ ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށް ހިންގާ ހެލްތު އިންޝޫރަންސް ސްކީމެއް އޮންނަ ކަމަށެވެ.

އާސަންދަ ފުރަތަމަ ތައާރަފުކުރީ އިންޝުއަރަންސް ސްކީމެއްގެ ގޮތުގައި ނަމަވެސް، މިހާރު އެ ސްކީމް ހިނގަމުން އަންނަނީ އިންޝުއަރަންސް އުސޫލުން ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ބޭނުންނުވާ މިންވަރަށް ބޭސް ލިޔެދިނުމާއި، ޓެސްޓުތައް އިންތިހާއަށް އިތުރު ކޮށްގެން، އާސަންދައިގެ ތެރެއިން ބަޔަކު ނާޖާއިޒު ފައިދާތައް ނަގައިގެން، މުޅި ސްކީމު ދައުލަތަށް ބޮޑު ބުރައަކަށް ހަދާފައިވާ ކަމަށެވެ.

"މިހާރު ޑޮކްޓަރުން އެއްމަސް ދުވަސް ދެ މަސް ދުވަހުގެ ބޭސް އެބަ ލިޔެދޭ. އެހެންވީމާ ބޭސް ކާ ކުއްޖާ، މީހާ ހަތަރު ދުވަސް، ތިން ދުވަސް ކާލާފައި އަނެއްބައި އުކާލަނީ. ޓެސްޓު އެބަ އިންތިހާއަށް ގިނަ ފަހަރު ހައްދުވާ. އަދި ޓެސްޓު ހެދުމާއި ބޭސް ޕްރިސްކްރިޕްޝަން ދިނުމުގެ މަސައްކަތުގެ ތެރޭގައި ގޮސް އާސަންދަގެ ބިލު އެބަދޭ އެތައް ބިލިއަން ރުފިޔާއަކަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގިނައިން ބޭސް ދޫކުރުމާއި ޓެސްޓުތައް ގިނައިން ހެއްދުން ފަދަ ކަންތައްތަކުން އާސަންދައިގެ ބިލް ބޮޑުވާއިރު، ސަރުކާރުގެ ބޭނުމަކީ ބަލިވާ މީހުންނަށްް އަދި ވަކިން ހާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަންޖެހޭ ނިކަމެތި މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.

ނަމަވެސް، އެ ސްކީމުގެ ތެރެއިން ނާޖާއިޒު ފައިދާ ނެގެނީ، މަޖިލީހުގެ އިތުރުން އެކަމަށް ފާރަވެރިވާންޖެހޭ މުއައްސަސާތަކަށް އެކަން ނުބެލޭތީކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އާސަންދައިގެ ތެރެއިން ނާޖާއިޒު ފައިދާތަކެއް ނަގާކަމަށް ނަޝީދު ވިދާޅުވިއިރު، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ.

"މީގެ [އާސަންދަ] ފައިދާއާ މެދު އެއްވެސް ޝައްކެތް ނެތް. ނަމަވެސް މިފަދަ ސްކީމެއް ހިންގާއިރު ހަރަދު އިސްރާފުވުމަށް ފުރުސަތުތަކެއް ހުރިކަން ދެނެގަންނަންޖެހޭ. އަދި ހަރަދު ބޮޑުވުމަށް މިނިޒާމުގެ ތެރެއިން އިންސެންޓިވް ތަކެއް އުފެދޭކަންވެސް ގަބޫލުކުރަންޖެހޭ،" ބޭކާރު ވެގެންދާ ފައިސާއަކީވެސް ޓެކްސް އާމްދަނީ އިން ނުވަތަ ދަރަނި ނަގައިގެން ހަމަޖައްސަންޖެހޭ ހަރަދުތަކެއްކަން ފާހަގަކުރައްވަމުން އަމީރު މިއަދު ވިދާޅުވި އެވެ.

މިގޮތުން، އަންނަ އަހަރު ސިއްހީ އިންޝޫރެންސްގެ ނިޒާމުގައި ހުރި އެފަދަ ގޯސްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް އޭނާ މިއަދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދިވެހި ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު، އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް ޖުމްލަކޮށް 3.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.