ހަބަރު

މޯބައިލް ޕޭއިން ޓެކްސީ ފައިސާ ދެއްކޭ ގޮތް ހަދައިފި

ނަގުދު ފައިސާ ބޭނުން ނުކޮށް ޓެކްސީއަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފު ކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިއީ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށާއި ނަގުދު ފައިސާ ނުގެންގުޅޭ މުޖްތަމައަކަށް ވާސިލުވާން އެ ބޭންކުން ކުރާ މަސައްކަތުގެ ދަށުން ތައާރަފު ކުރި ހިދުމަތެއް ކަމަށެވެ. މި ހިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް މިހާރު ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެ އެވެ.

މި ހިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ "ކިޔުއާރު ކޯޑު" ސްކޭން ކޮށްގެން ފައިސާ ދެއްކޭނެ އެވެ. ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ފޯރުކޮށްދީފައި ވަނީ ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސް ޕޭމަންޓް ހިދުމަތް ދިނުމަށް ބޭނުންކުރަމުންދާ އެމްޕޮސް ހިދުމަތްތަކުގެ ތެރެއިންނެވެ.

ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް މިއަދު ތައާރަފު ކޮށްދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ހިދުމަތް ތައާރަފްކޮށްދެއްވުމަށްފަހު މިނިސްޓަރު ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރެވޭ ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވާފަ އެވެ. ކޭޝްލެސް ޕޭމަންޓުގެ ހިދުމަތްދޭ ކޮންމެ ޓެކްސީއަކަށް މި ތަކެތި ހިމެނޭ ޕެކެއް ބޭންކުން ހަދިޔާ ކުރާނެ އެވެ.

ޓިމް ސޯޔާ ވިދާޅުވީ ފައިސާ ދެއްކުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށް ދިނުމުގައި އިސް ދައުރެއް އަދާ ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ވަސީލަތުގެ އެހީގައި ކަސްޓަމަރުންނަށް ރައްކާތެރިކަމާ ފަސޭހަކަމާއެކު އަވަހަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ބީއެމްއެލް މޮބައިލްޕޭ އަކީ ކޮންމެތަނަކުންވެސް ތަކެތި ގަތުމަށްޓަކައި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓް އެޕްލިކޭޝަނެވެ.