ހަބަރު

ބަޖެޓު ކޮމިޓީގެ މުގައްރިރުކަން އަނެއްކާވެސް ނާޝިޒަށް

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް އަނެއްކާވެސް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ހަމަޖައްސައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދިވެހި ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައި ދެއްވައިފަ އެވެ.

މަޖިލީހުގެ ގަވައިދުގެ ދަށުން، ބަޖެޓު ދިރާސާ ކުރާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީން ކަމަށްވާއިރު، ޖުމްލަ 27 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލެވުނުއިރު، މިއަދު ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި 21 މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިދިއަ އަހަރުވެސް ބަޖެޓު ދިރާސާ ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ނާޝިޒު މިއަހަރުވެސް ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސަން ނިންމީ 20 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ނައިބު މުގައްރިރަކަށް ހަމަޖެއްސީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އައްޔަނުކުރީވެސް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެކަމާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ. ޖާބިރު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ނަމަވެސް، ބަޖެޓު ދިރާސާ ކޮމިޓީގެ މުގައްރިރުކަމާއި ނައިބު މުގައްރިރުކަންވެސް އެމްޑީޕީގެ މެންބަރުންނަށް ހަމަޖެއްސުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އެއްވެސް ކަމެއް ޖޯކު ގޮތަކަށްވެގެން ނުވާނެ. މިއީ ދިވެހިރާއްޖޭގެ ބަޖެޓު. މި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މެންބަރަކަށް އެމްޑީޕީގެ މެންބަރަކު އަންނަންޏާ، ނައިބު މުގައްރިރަކަށް އަންނަންޖެހޭނީ އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއް. ނޫނީ އިންޑިޕެންޑަންޓް މެންބަރެއް. އެއީ ރަނގަޅު ގޮތަކީ،" ޖާބިރު ވިދާޅުވި އެވެ.

މުގައްރިރަކަށް ހަމަޖެއްސުމާއެކު، ކޮމިޓީގެ ރިޔާސަތާ ހަވާލުވެވަޑައިގެން ނާޝިޒު ވަނީ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގަވައިދު ވޯޓަށް އަހައިފަ އެވެ. މެންބަރުންގެ ހުށަހެޅުމާއެކު މިއަދު ފާސްކޮށްފައިވަނީ މިދިއަ އަހަރުވެސް ކޮމިޓީން އަމަލުކުރި ގަވައިދަށެވެ.

ބަޖެޓު ދިރާސާ ކުރުމަށްޓަކައި، ފިނޭންސް މިނިސްޓަރު މާދަމާ ކޮމިޓީއަށް ހާޒިރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ނާޝިޒު ވިދާޅުވި އެވެ. އަދި މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ އިތުރުން އޮޑިޓާ ޖެނެރަލް ވެސް ވީ އެންމެ އަވަހަކަށް ކޮމިޓީއަށް ހާޒިރުކޮށް، ބަޖެޓާ ގުޅޭގޮތުން އެ ބޭފުޅުންގެ ހިޔާލުވެސް ހޯދައި ދެއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ 16 ވާ ހޯމަ ދުވަހު ބަޖެޓުގެ ބަހުސް މަޖިލީހުގައި ތަޅުމުގައި ފެށޭއިރު، ބަޖެޓު ކޮމިޓީގެ ރިޕޯޓު ނޮވެމްބަރު 19 ވާ ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވަންޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

އަދި ނޮވެމްބަރު 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމަށް ވަނީ އަމާޒުހިފައިފަ އެވެ.