ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނަސީރުގެ މަރު: މަޖިލީހުން ކަނޑިންމަ ސީދާ ގޯހެއް ނުކުރި

ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކު މަރުވި މައްސަލަ މަޖިލީހަށް ވައްދައި ބަހުސް ކުރި ކުއްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން އެ ރިސޯޓު ސީދާ ގޯސް ކުރަން ދެކޮޅު ހަދައިފި އެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އާދަމް ނަސީރުގެ ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އޭނާގެ ގައިން ކޮވިޑް-19 އިގެ އަލާމާތްތައް ފެނި ޓެސްޓު ކުރުމުން ބައްޔަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ. އެއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 38 ވަނަ މީހާ އެވެ.

އޭނާ ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާއާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

ނަސީރުގެ މަރާ ގުޅިގެން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމުން، އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނަސީރު ވަރަށް ބޮޑަށް ބަލިވެގެން އެތަކެއް ދުވަހެއް ވަންދެން އުޅުނުއިރު، އޭނާ ފަރުވާއަށް ފޮނުވައިދޭން ތަކުރާރުކޮށް އެދުމުންވެސް އެކަން ރިސޯޓުގެ މެނޭޖުމަންޓުން ކޮށްދީފައި ނުވާ ކަމަށެވެ.

ނަސީރަށް ފަރުވާ ނުލިބި ވޭން އަޅަމުންދިއަ އަޑު އެ ރިސޯޓުގެ އެހެން މުވައްޒަފުން ރެކޯޑް ކޮށްފައިވާ ކަމަށާއި، ރިސޯޓުގެ މެނޭންޖްމަންޓާ އެކި މަރުހަލާތަކުގައި އާއިލާއިން ކުރެވުނު މުއާމަލާތްތަކުގައި، ރިސޯޓުގެ އިހުމާލު އޮތް ކަމުގެ ހެކިތައް ހުރި ކަމަށް އާމިރު ތަކުރާރުކޮށް ވިދާޅުވި އެވެ.

އަދި ނަސީރު މަރުވި ފަހުން، އެ މައްސަލަ ބަލައި ދިނުމަށް އެދި ދ. އަތޮޅު ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ އެގޮތަށް ނުބެލޭނެ ކަމަށް ބުނެ އާއިލާ މާޔޫސްކޮށްލީ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

ފުލުހުން ފަހުން ގުޅައި، އެ މައްސަލަ ބެލޭނެ ކަމަށް ބުނި ނަމަވެސް، އަދި މިހާތަނަށް އާއިލާގެ ބަޔާނެއް ވެސް ނަގާފައި ނުވުމަކީ ނަސީރުގެ އާއިލާގެ ނުތަނަވަސްކަން އިތުރުވެފައިވާކަމެއް ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އާއިލާއަށް ވެސް އެނގޭ އާދަމް ނަސީރު އަނބުރާ ދުނިޔެއަކަށް ނާންނާނެކަން. އަޅުގަނޑުމެން މި ބޭނުންވަނީ ދެވަނަ މީހަކަށް މިފަދަ ކަމެއް ދިމާވުމުގެ ކުރިން މިކަން ބަލައި، ހައްލުކުރުން،" އާމިރު ވިދާޅުވި އެވެ.

ކަނޑިންމަ ގޯހެއް ނުވި

އެ މައްސަލައިގެ ބަހުސްގައި ފުރަތަމަ ވާހަކަ ދެއްކެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން މުޅި ދުނިޔޭގެ އިތުރުން ރާއްޖޭގައި ވެސް އެތައް ބަޔަކު މަރުވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އެކަން އެގޮތަށް މެދުވެރިވުމުން، ރަށް ރަށް ކުށްވެރިއެއް ނުވާނެ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ޖާބިރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކަނޑިންމަ މޯލްޑިވްސްގެ ރިސޯޓު ހިންގުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަގުތީ ގޮތުން ހިފަހައްޓާފައިވާތީ އެކަންވެސް ޖާބިރު ކުށްވެރި ކުރެއްވި އެވެ.

"މީހަކު މަރުވެގެން ރިސޯޓެއްގެ އޮޕަރޭޓިން ލައިސެންސް ބާތިލުކުރުމަކީ ރަނގަޅު ގޮތެއް ނޫން،" ޖާބިރު ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެންބަރު އާދަމް ޝަރީފް އުމަރުގެ ފާޑުކިއުން މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ފަދަ ނުރައްކާތެރި ރޯގާއެއް ފެތުރިގެން އުޅޭ ދަނޑިވަޅެއްގައި ރިސޯޓުތަކުގައި ކަންކަން ހިނގަމުންދާގޮތް ސަރުކާރަށް ރަނގަޅަށް ނުބެލޭ ކަމަށެވެ.

އާމިރުގެ ކަންބޮޑުވުންތަކާ އެއްބަސްވެވަޑައިގެން ވާހަކަ ދެއްކެވި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ނަސީރު މަރުވުމުގައި ރިސޯޓުގެ އިހުމާލު ބޮޑު ކަމަށެވެ. ނަމަވެސް، ހަގީގީ މަންޒަރެއް ފެންނާނީ ކަމާބެހޭ އިދާރާތަކުން އެކަން ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންގެ ނަސްލީ ތަފާތު ކުރުން ގެންގުޅޭ ކަމުގެ ޝަކުވާތައް ޒަމާނުއްސުރެ އިވިގެންދާ ކަމަށެވެ. މިގޮތުން، ހަމުގެ ކުލައިގެ ގޮތުން، ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންގެ މެދުގައި ތަފާތުކުރާކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ކެއިން ބުއިމުގައި ތަފާތުކުރުން އޮވޭ. ނިދުމުގެ ކަންތައްތަކުގައި އެ ތަފާތުކުރުން އޮވޭ. ބިދޭސީ މީހެއްނަމަ ޑޮކްޓަރަށް ދައްކާ، ފަރުވާ ހޯދައިދީނިސް. ދިވެއްސަކަށްވީތީ އެކަން ނުކޮށްދިނީ،" ގާނޫނުތަކާއި ގަވައިދުތައް ހުރި ނަމަވެސް، މުވައްޒަފުންނަށް އޭގެން ރައްކާތެރިކަމެއް ނުލިބޭކަން ފާހަގަކުރައްވަމުން ޝަފީގު ވިދާޅުވި އެވެ.

އެ ކުއްލި ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީ ގިނަ މެންބަރުންގެ ވިސްނުން ހުރީ ނަސީރުގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށެވެ.

މިގޮތުން، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ރިސޯޓުގެ އިހުމާލެއް އޮތްތޯ ނުވަތަ ނޫންތޯ ތަހުގީގުކުރަންޖެހޭ ކަމަށެވެ. އަދި އިހުމާލެއް އޮތަސް އަދި ނެތަސް، އެކަން ހާމަކޮށްދިނުމަށް ތަހުގީގީ އިދާރާތަކަށް އޭނާ ގޮވާލެއްވި އެވެ.

ޖާބިރުގެ ވާހަކައަށް ތާއީދުކުރައްވައި، ދިއްގަރު ދާއިރާގެ އެމްޑީޕީ މެންބަރު އިކްރާން ހަސަން ވިދާޅުވީ މަޖިލީހުން ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މިއީ ރިސޯޓު ބަންދުކުރަންޖެހޭކަމެއްގެ ގޮތުގައި އަޅުގަނޑުވެސް ނުދެކެން،" އިކްރާމް ވިދާޅުވި އެވެ.

ކަނޑިންމަގެ ދިފާއުގައި މަޖިލީހުގެ ރައީސް

ނަމަވެސް، ކަނޑިންމަ ރިސޯޓުގެ ދިފާއުގައި ބަހުސްގެ ތެރެއިން، ރިޔާސަތުގައި އިންނަވައިގެން އެކި ފަހަރު މަތިން ވާހަކަ ދެއްކެވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކުއްލި މައްސަލައަށް އިޝާރާތް ކުރައްވައި ނަޝީދު އެންމެ ފުރަތަމަ ވިދާޅުވީ ރިސޯޓުގެ އިހުމާލަކީ ކޮބައިކަމެއް ސާފު ނުވާ ކަމަށެވެ. އަދި ރިސޯޓުން ގޯސްކޮށް އަމަލުކުރިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ކޮވިޑުގެ އަލާމަތް ފެނުނީމާ، އެމީހަކާ މެދު އަމަލުކުރަންވީގޮތް އެޗްޕީއޭގެ ގައިޑްލައިނުން ބަލަން އެބަޖެހޭ. އެ މިހާ ރިސޯޓުން ދޫކޮށްލުން ކަމަށް އޮތް ކަމެއް ނޫން ކަމެއް ސާފެއް ނޫން. އެހެންވީމާ ރިސޯޓުން ކުރަންވީ ކަމަކީ އެ މީހާ ގެއަށް ދިއުމުގެ ފުރުސަތު ދިނުންތޯ ނޫނީ ހެލްތު ސާވިސްއަކަށް ގެންދިއުންތޯ،" ނަޝީދު ސުވާލު ކުރެއްވި އެވެ.

އަދި އޭގެ ފަހުން ނަޝީދު ވަނީ ނަސީރު ކަނޑިންމަ ރިސޯޓުގައި ވަޒީފާ އަދާކުރި މުއްދަތާއި ނަސީރު ހޮސްޕިޓަލަށް ގެންދިއުމަށް ރިސޯޓުން އަދާކުރި ދައުރާ ގުޅޭގޮތުން އާމިރުގެ އަރިހުން މައުލޫމާތު ސާފު ކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ.

"އަޅުގަނޑު ހައްތަހާވެސް ސާފުވޭތޯ މި އުޅުނީ، އާދަމް ނަސީރާއި ރިސޯޓާ ހުރި ގުޅުމާ އަދި ހިތަށް މި ވަންނަނީ ރިސޯޓެއްގެ މެނޭޖްމަންޓުން މި ބާވަތުގެ އިހުމާލެއް ވުމަށް މި މެދުވެރިގެން މިދަނީ ކޮންބާވަތެއްގެ ކަން ކަމެއް ވެގެންތޯ. މިސާލަކަށް އާދަމް ނަސީރަކީ އެތަނުގައި ގިނަ ދުވަސްވީ މުވައްޒަފެއް. އަދި އަޅުގަނޑުމެން ބޮޑަށް ބަލައިފިނަމަ ރިސޯޓުން އަޅާލާނެފަދަ ބާވަތުގެ މުވައްޒަފެއް،" ނަޝީދު ވިދާޅުވި އެވެ.

ބަހުސް ނިންމާލައްވަމުން ވެސް ނަޝީދު ވަނީ ކަނޑިންމަ ރިސޯޓުގެ މެނޭޖުމަންޓު ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

މިގޮތުން، ރިސޯޓުގެ ވެރިފަރާތުގެ އިހުމާލެއް އޮންނަ ގޮތަށް ނުވަތަ އެ މަންޒަރު ސިފަވާ ގޮތަށް މި މައްސަލަ ސިފަ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކަނޑިންމަ ރިސޯޓަކީ، ރިސޯޓުގެ ވެރިފަރާތަކީ އެހެން އިތުރު ކިތަންމެ ޓޫރިޒަމް ވިޔަފާރިތަކެއް ހިންގާ ފަރާތެއް. އަދި ރާއްޖޭގައި ޒަމާންވަންދެން މި މަސައްކަތުގައި އުޅެމުން އަންނަ ބައެއް. އަޅުގަނޑެއް ނުދެކެން، ރިސޯޓުތައް ހިންގާ ފަރާތްތަކުން ކަނޑައެޅިގެން ގަސްދުގައި އެ ބޭފުޅުންގެ މުވައްޒަފުންނަށް ދަތިކޮށް ނުވަތަ ދެރަކޮށް ހެދުމަށް އެއީ އެ މީހުންގެ އަމާޒެއް ކަމަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަސީރު މަރުވި މައްސަލާގައި އެ ރިސޯޓުގެ އިހުމާލު އޮތް ކަމަށްބުނެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފަ އެވެ. އަދި އެޗްއާރްސީއެމުންވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.