ހަބަރު

ސަރުކާރުން ހޯދައިދިން އެންމެ ބޮޑު ހައްގަކީ ހަމަޖެހުން: ރައީސް

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ އިޖުތިމާޢީ ހަމަޖެހުމަށް ބަލާއިރު، މީގެ ދެ އަހަރު ކުރިން، ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ.

މިގޮތުން، މާރާމާރީއާއި ގޭންގު ކުށްތައް އިތުރުވެ، ސިޔާސީ ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން، އިޖުތިމާއީ ހަމަޖެހުން އޮތީ މުޅިންހެން ގެއްލިފައި ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ހައްގަކީ، އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދެވުން،" އެކަމުގައި ސިފައިންނާއި ފުލުހުން އަދާކުރި މުހިއްމު ދައުރަށް ޝުކުރު އަދާކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގިނަ ދާއިރާތަކަށް އަލި އަޅުއްވާލެއްވި ހިތާބުގައި ރައީސް ވަނީ ކޮވިޑް-19 އިގެ ދަތި ހާލަތުގެ ތެރެއިން ވެސް އަންނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، އިގުތިސޯދީ ދަތިކަމުން އަރައިގަތުމާ ދިމާލަށް ގައުމުގެ ގެންދަވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ވެރިކަމުގެ ތިންވަނަ އަހަރަކާ އަޅުގަނޑުމެން މި ކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާއެކު،" ރައީސް ވިދާޅުވި އެވެ.