އައިޝަތު ނަހުލާ

"ވަޒީރުކަން ލިބުނީ ވަކި މީހެއްގެ އަންބަކަށް ވެގެނެއް ނޫން"

ވަޒީރުކަން ލިބިވަޑައިގެންނެވީ ވަކި ބޭފުޅެއްގެ އަންބަކަށް ވެގެން ނޫން ކަމަަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އެކަމަނާއަކީ ވިޔަފާރިވެރިއާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނެވެ. ގާސިމަކީ ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެެއްވި އަދި މި ސަރުކާރު ކޯލިޝަންގެ އެެއް ލީޑަރެވެ. އެމަނިކުފާނު އިސްކޮށް ހުންނެވި ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގައި ދެވަނަ އަށް އެންމެ ހިއްސާ ބޮޑު ޕާޓީވެސްމެ އެވެ.

ވަޒީރުކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަށް ވުމުންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ނަހުލާ ވިދާޅުވީ ވަކި މީހެއްގެ އަންބަކަަށް ވެގެން ކެބިނެޓުން ޖާގަ ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ވަކި މީހެއްގެ އަންބަކަށް ވެގެން،"

ނަހުލާ މިހެން ވިދާޅުވި ނަމަވެސް އެކަމަނާއަށް ވަޒީރުކަން ދެއްވުން އެދި އެކަމަނާގެ ނަންފުޅު ޖުމްހޫރީ ޕާޓީން ރައީސް ސޯލިހަށް ހުށައެޅުއްވީ ގާސިމެވެ. އަދި އިންތިހާބުން ރައީސް ސޯލިހް ކާމިޔާބު ހޯއްދެވުމާއެކު ވަޒީރު ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން އަމިއްލަފުޅަށް ފާޅު ކުރެއްވި ކަމަށް އެ މައުލޫމާތު ރަނގަޅަށް އެނގި ވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅު ވެއެވެ.

ކޯލިޝަނުން ޖޭޕީއަށް ފުރުސަތު ލިބޭ

މި ސަރުކާރު ވެެރިކަމަށް އައީ ހަތަރު ޕާޓީ އެކުލެވޭ ކޯލިޝަނަކުންނެވެ. އަދި ވެރިކަން ލިބުމުގެ ކުރިން ޕާޓީތަކަަށް ދޭނެ ހިއްސާ ވެސް ވަނީ ކަނޑައަޅާ އެއްބަސްވެފަ އެވެ. ނަމަވެސް އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކަަށް ކުރިން އެއްބަސްވީ މިންވަރަށް ހިއްސާ ދީފައެއް ނުވެއެވެ.

މި ސަރުކާރުގައި ޖުމްހޫރީ ޕާޓީއަށް ހަމަހަަމަ ފުރުސަތު ލިބޭތޯ ދެންނެވުމުން ނަހުލާ ވިދާޅުވީ ލިބެން ޖެހޭ ބައެއް ފުރުސަތު ނުލިބި ލަސްވެފައިވާ ކަމަށެވެ. ނަމަވެސް އެހެން ދިމާވީ ކޮވިޑްގެ ބަލިމަޑުކަމާ ހުރެ ކަމަށެވެ. އަދި ކުރިއަށް އޮތްތާ ޖޭޕީގެ ހިއްސާ ދެއްވާ ނިންމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަަަށެވެ.

"ކޯލިޝަން ސަރުކާރުގައި ޖުމްހޫރީ ޕާޓީއަށް ހަމަހަމަ ފުރުސަތު ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަދި މިހާރު ލިބެމުންދާ ކަމަށް ވެސް ގަބޫލުކުރަން،"

މިހާރުވެސް ކުރިން ކެބިނެޓުން ދިން ފުުރުސަތެއް ޖުމްހޫރީ ޕާޓީއާ އަދާލަތު އަދި އެމްއާރްއެމަށް ވަނީ ގެއްލިފަ އެވެ. އަދާލަތުގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފް އެ މަގާމުން އިސްތިއުފާ ދެެއްވީ އެމްޑީޕީގެ ޕީޖީން އިސްތިއުފާ ނުދީނަމަ މަޖިލިސް މެދުވެރިކޮށް ވަކި ކުރާނެ ކަމުގެ އިންޒާރު ދިނުމުންނެވެ. ފަހުން އެ ސްލޮޓް އަދާލަތަށް ނުދިނެވެ. އަދި އެމްއާރްއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން ނަމަވެސް އެމްޑީޕީގެ ފިއްތުންތައް ވަރަށް ބޮޑަށް ކުރިމަތި ވެގެންނެވެ. އަލުން އެމްއާރްއެމް އިން ފޮނުވާ ނަމަކަށް އެ މަގާމުން ދެއްވަން ނިންމެވުމަށްފަހު ރައީސް މައުމޫން ބޭފުޅެއްގެ ނަން ފޮނުވަން ތައްޔާރުވެވަޑައިގެންފައިވަނިކޮށް ރައީސް ސޯލިހް ވަނީ ހައުސިން މިނިސްޓްރީ އުވާލައްވާފައެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށައެޅުއްވުމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތުމުންނެވެ. ފަހުން އެ މަގާމު ޖޭޕީއަށް ނުދީ އެ މަގާމަށް އައްޔަން ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ އަހުމަދު ނަސީމެވެ.