ހަބަރު

ރާއްޖޭގައި ސްޕޭސް ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގައި ސްޕޭސް ޕްރޮގްރާމެއް ފަށަން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ނިންމައިފި އެވެ. މިއީ ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

ސްޕޭސް ޕްރޮގްރާމް ތައާރަފް ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ލޯންޗް ކުރުމަށްފަހު ސައިންޓިފިކް ރިސާޗް ކުރިއަށް ގެންދާނެ ކަމަށެވެ.

ރިފްއަތު ވިދާޅުވީ ދިވެހި އެސްޓްރޮނޯޓުން ސްޕޭސް އިންޑަސްޓްރީ ގައި މަސައްކަތް ކުރާ ދުވަސް ދެކެން ބޭނުންވާ ކަމަށާއި އެފަދަ ދިވެހި ޒިވާނުންގެ އުއްމީދު ހާސިލްކޮށްދިނުމަކީ އަމާޒެއް ކަމަށެވެ.

ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން ދިވެހިން ތަމްރީނު ކުރުމަށް އައިޖީއެސް އިން ވަނީ އިގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަން އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށް ވެސް ރިފްއަތު ވަނީ ވިދާލުވެފަ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެ ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ އެމެރިކާގެ ތަޖުރިބާ ކާރުން ކަމަށާއި މި ޕްރޮގްރާމުގައި ބައިވެރި ކުރާނީ ރާއްޖޭގައި މަތީ ތައުލީމް ހާސިލު ކުރާ ދަރިވަރުން ކަމަށްވެސް ވިދާޅުވި އެވެ.

"ސްޕޭސް ޕްރޮގްރާމުގެ ދަށުން އަޅުގަނޑުމެން ފަށާ ފުރަތަމަ ރިސާޗް ޕްރޮޖެކްޓް އަންނަ އަހަރުގެ ކުރީކޮޅު ތައާރަފް ކުރެވޭނެ. ޕްރޮޖެކްޓްގެ ޓެކްނިކަލް ސްޓަޑީ އަދި ފީޒިބިލިޓީ ހެދީ ވެސް އިންޑަސްޓްރީގެ ތަޖުރިބާކާރުން. އެބޭފުޅުންގެ ލަފާގެ މަތިން، މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ މި ޕްރޮޖެކްޓުގެ ޕާޓްނަރުން ފައިނަލް ކުރުމުގެ މަސައްކަތް" އޭނާ ވިދާޅުވި އެވެ.

އައިޖީއެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މުސްތުގުބަލުގެ ލީޑަރުން ބިނާކުރުމަށް ކުރިއަށް ގެންދާ ގިނަ ޕްރޮގްރާމްތަކެއް ރާއްޖެއަށް ތައާރަފް ކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.