ގާސިމް އިބްރާހިމް

ގާސިމްގެ ތައުރީފު ރައީސް ސޯލިހަށް

އެތެރެ އާއި ބޭރުން ނަގާ އެކި ރާޅުތަކުން ސަލާމަތްވެ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފި އެވެ.

ނޮވެންބަރު 17، 2018 ގައި ފެށުނު ރައީސް ސޯލިހުގެ ވެރިކަމަށް މިއަދު ދެ އަހަރު ވަނީ ފުރިފައެވެ.

ދުވަހުގެ ތަހުނިޔާ ފޮނުއްވާ ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތެރެ އާއި ބޭރުން ނަގާ އެކި ރާޅުތަކުން ސަލާމަތްވެ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެ މަަސައްކަތުގައި ކުރިއަށް ދިއުމުގެ ތައުފީގު ދެއްވުން އެދި ގާސިމް ދުއާ ކުރައްވާފައިވެއެވެ.

ގާސިމް އިބްރާހިމަކީ މި ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ލީޑަރެވެ. އެމަނިކުފާނަކީ މި ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރެކެވެ. އަދި ރައީސް ސޯލިހާއި ދެ ބޭފުޅުންގެ ގުޅުން މި ދެ އަހަރު ވަރަށް ބޮޑަށް ބަދަހިވެފައިވެއެވެ. ދާދި ފަހުން ރައީސް ސޯލިހްވެސް ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީއަށް ކެބިނެޓުން އޮތް ހެލްތް މިނިސްޓަރު ކަމަަށް އެމްޑީޕީގެ ބޭފުޅަކު ހަމަޖެއްސެވުން އާންމު މެންބަރުންގެ ތެރޭގައި އުފެދުނު ކަންބޮޑުވުންތައް ރައީސް ހައްލު ކުރެއްވީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވުމުންނެވެ.