ހަބަރު

4 ސްކޫލްގެ މަސައްކަތް މިއަހަރު ފަށާނެ: މިނިސްޓަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ސަރުކާރުން ނިންމާފައިވާ ހަތަރު ސްކޫލެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އައިޝަތު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުހެ ބަޖެޓުން ތައުލީމީ ދާއިރާއަށް ތިން ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އަންނަ އަހަރު ތައުލީމީ ދާއިރާގެ ލާބަޔަށް ގިނަގުނަ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށެވެ.

އައިޝަތު ވިދާޅުވީ މި ބަޖެޓުގެ ތެރެއިން މާލޭގެ ސްކޫލްތައް އެއް ދަންފަޅިއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަދި އަތޮޅުތެރޭގައި މިހާރު އެއް ދަންފަޅިއަކަށް ކިޔަވައިނުދޭ ސްކޫލްތައްވެސް އެއް ދަންފަޅިއަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ. އެގޮތުން މިކަމަށް ޕީއެސްޕީއައި 105 ޕްރޮޖެކްޓް ހިންގާނެ ކަމަށްވެސް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަށް މިހާރުވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ވިދާޅުވެ އައިޝަތު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ނިންމާފައިވާ ހަތަރު ސްކޫލެއްގެ މަސައްކަތްވެސް މިއަހަރު ނިމުމުގެ ކުރިން ފަށަނެ ކަމަށެވެ.

ރާއްޖޭގެ އެހެން ފަސް ސަރަހައްދެއްގައި މާލެއާ އެއް ފެންވަރެއްގެ ތައުލީމީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސްކޫލްތަކާއި ތައުލީމީ ސެންޓަރުތައް ގާއިމުކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފެށި ނާސްތާ ޕްރޮގްރާމްވެސް ވަނީ މެދުކަނޑާލާފަ އެވެ. މިނިސްޓަރު ވިދާޅުވީ އާ މެނޫތަކާއެކު ނާސްތާ ޕްރޮގްރާމްވެސް އަންނަ ޖެނުއަރީމަހުގައި ފަށަނެ ކަމަށެވެ.