ހަބަރު

މަނިޔަފުށި މެރިކަލްޗާ ސެންޓަރަކަށް ހަދަނީ

ކ. މަނިޔަފުށީގައި މެރިކަލްޗަ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރިޒް މިނިސްޓްރީ އިން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ މެރިކަލްޗާއަށް ބޭނުންވާ އަމަލީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދެވޭ ފަދަ މެރިޗަލްޗާ ސެންޓަރެއް މަނިޔަފުށީގައި ގާއިމް ކުރުމުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަން ހަމައެކަނި ކަޅުބިލަމަހަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމެވެ. އަދި އެ މަރުހަލާގެ ތެރޭގައި އާމުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭގޮތަށް ރޭވިގެން އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި ފަސް އަހަރުގެ ޕްރޮޖެކްޓެއްވެސް ހިންގާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޕްރޮޖެކްޓުގެ ދަށުން އެކުއާކަލްޗާ ކުރުމަށް ޝައުގުވެރިވާ އާންމު ފަރާތްތަކަށް ބޭނުންވާ ޅަ މަސް ފޯރުކޮށްދެވޭނެ މަލްޓި ސްޕީޝީޒް ހެޗަރީއަކާއި އެކަމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ.

އެމިނިސްޓްރީ އިން ބުނި ގޮތުގައި މަސްވެރިކަން ތަރައްގީކޮށް ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގާ ބެލެހެއްޓުމަށްޓަކާ، ކަމާ ގުޅުންހުރި ދިރާސާތަކެއްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމާ މެދު ބޭރުގެ ފަރާތްތަކުން ދޭ ސަމާލުކަން އިތުރުކޮށް، އިޖުތިމާއީ ގޮތުން މަސްވެރި މުޖުތަމައުތަކަށް ލިބޭ ފައިދާތައް ދެނެގަތުމުގެ މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.