ވިޔަފާރި

އަމާނާ ތަކަފުލް އިން އިންޓެރިމް ޑިވިޑެންޑް ބަހަން ނިންމައިފި

Nov 19, 2020

ރާއްޖޭގައި އިންޝުއަރެންސުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން ގެންދާ އަމާނާ ތަކަފުލް މި އަހަރުގެ ފުރަތަމަ އިންޓެރިމް ޑިވިޑެންޑް ބަހަން ނިންމައިފި އެވެ.

އަމާނާ ތަކަފުލް މޯލްޑިވްސް އިން ބުނި ގޮތުގައި އިންޓެރިމް ޑިވިޑެންޑް ބަހަން ނިންމީ، މި މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށެވެ.

މި ބައްދަލުވުމައި އިންޓެރިމް ޑިވިޑެންޑް ބެހުމުގެ އިތުރުން މި އަހަރުގެ މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތުގެ ރިޕޯޓްތައް ދިރާސާ ކުރުމާއި 2021 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު ދިރާސާކޮށް ފާސް ކުރުން ވެސް އޮތް ކަމަށެވެ. އިންޓެރިމް ޑިވިޑެންޑްއަކީ އަހަރުގެ މެދުތެރެއިން ހިއްސާދާރުންނަށް ދޭ ފައިދާ އެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ކުންފުނީގެ ސާފު ފައިދާވަނީ އޭގެކުރީ އަހަރާ އަޅާބަލާއިރު 43 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައި ކަމަށެވެ. ކުންފުނީގެ ވިޔަފާރީގެ ނަތީޖާ އަށް ބަލައި ޑިރެކްޓަރުގެ ބޯޑުން ނިންމާފައިވަނީ 7.5 ޕަސެންޓް ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބެހުމަށެވެ. އަދި މި މަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާ ގަނެފައިވާ ފަރާތްތަކަށް ހިއްސާގެ ފައިދާ ބަހާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އަމާނާ ތަކަފުލް އިން ބުނި ގޮތުގައި އާމްދަނީ އާއި ޓެކްސް ނެގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ވަޒަންވެރި ވެފައިނުވާ ފަރާތްތަކަށް ހިއްސާގެ ފައިދާ ބަހާއިރު، "ވިތުހޯލްޑިން ޓެކްސް" ގެ ގޮތުގައި ފައިދާގެ 10 ޕަސެންޓް އުނި ކުރުމަށް ޑިވިޑެންޑް ދޭ ފަރާތް ތަކަށް ލާޒިމް ކުރާ ކަމަށާ، އެހެންކަމުން އެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ދެވޭނީ މި ގާނޫނާ އެއްގޮތަށް ކަމަށެވެ.

ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހަމައެކަނި ފުލީފްލެޖް ތަކަފުލް އޮޕަރޭޓަރު ކަމަށްވާ އަމާނާ ތަކަފުލްއަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރެވިގެން ހިންގާ ހަމައެކަނި އިންޝުއަރެންސް ހިދުމަތްދޭ ކުންފުންޏެވެ.