ފަޒްނާ އަހުމަދު

ކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން އެ ކުދިންގެ ހިޔާލު މުހިންމު: ފަޒްނާ

ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލު ކުރަން އެ ކުދިންގެ ހިޔާލު ވަރަށް މުހިންމު ކަމަށް ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެ ކަމަނާ މިހެން ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާ ގުޅިގެން ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި އެ ކުދިންގެ ބައިވެރިވުން ހޯދުމާ ގުޅޭ ކޮންސަލްޓޭޝަން ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށްދޭ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށެވެ. މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ހާއްސަކޮށްގެން ސްކިލް މެނޭޖްމަންޓް ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިއަދު ބޭއްވި ޕްރޮގްރާމާއި ގުޅޭގޮތުން ފަޒްނާ ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ކުޑަކުދިންނަށް ގޮވައިލައްވާ އެ ކުދިންގެ ހައްގުތަކުގެ ދިފާއުގައި ވާހަކަ ދައްކައި އަޑު އުފުލުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ކޮންމެ ހައްގަކާއެކު ޒިންމާތަކެއް ވެސް އެ ކުދިންގެ ކޮނޑުގައި އެޅޭކަން ހަނދުމަ ކޮށްދެއްވާ، އެ ޒިންމާތަކަށް އެންމެ ފުރިހަމަ ގޮތުގައި އިހުތިރާމު ކުރުމަށް ވެސް އެ ކަމަނާ ވަނީ ގޮވައިލައްވާފައެވެ.

މިއަދު ބޭއްވި ކޮންސަލްޓޭޝަން ޕްރޮގްރާމަކީ އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.