ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެއާޕޯޓް ކްލަސްޓާ: ޕޮޒިޓިވް އަދަދު 57 އަށް

ކޮވިޑް-19 އަށް ރާއްޖެއިން ގިނަ ބަޔަކު މިއަދު ޕޮޒިޓިވްވެފައިވާއިރު އެއާޕޯޓް ކްލަސްޓާއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވިއެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު 14 ވަނަ ދުވަހު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 15 ވަނަ ދުވަހުވެސް ތިން މީހަކު ޕޮޒިޓިވްވިއެވެ.

މިއަދުވެސް ވަނީ އިތުރު ބަޔަކު ޕޮޒިޓިވްވެފައެވެ. އެޗްއީއޯސީން ބުނީ މިހާތަނަށް އެ ކްލަސްޓާއިން 57 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ ބައެއް މީހުންނާއި އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީގެ ބައެއް މުވައްޒިފުންގެ އިތުރުން ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީގެ މުވައްޒިފުންތަކެކެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކްލޯސް ކޮންޓެކްޓްގެ ގޮތުގައި 77 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ. އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ސެންޓަރުން ބުންޏެވެ. މިދިޔަ އަންގާރަ ދުވަހު އެޗްއީއޯސީގެ ޓީމެއް އެއާޕޯޓަށް ގޮސް ބަލި ކޮންޓްރޯލް ކުރުމަށް ޕްލޭނެއް އެކުލަވާލާ އެ ޕްލޭން ތަންފީޒު ކުުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.