ފައިސަލް ނަސީމް

"އަމާޒަކީ ރައްކާތެރި މާހައުލެއްގައި ކުދިން ބޮޑުވާކަން ކަށަވަރުކުރުން"

ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީ އަމިއްލަޔަށް އިސްނަގައިގެން ދިރިއުޅެވޭނެ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ނާއިބް ރައީސް ވިދާޅުވީ ރައީސް ސޯލިހް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގު ކުރެއްވީ ކުޑަކުދިންނަކީ އަމިއްލަ ހައްގުތަކުގެ ދިފާއުގައި ނުވަތަ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ހޯދުމަށް ބަސްބުނެވޭ ފަދަ މަގާމެއްގައި ތިބި ބައެއް ނޫން ކަމުގައި ވާތީ، ކުޑަކުދިންނަށް އެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ މަގު ކޮށައިދިނުމުގެ ގޮތުން ކަމަށެވެ. އަދި ސަރުކާރުންނާއި ދައުލަތުގެ ބާރުތަކުން އިސްނަގައިގެން އެ ކުދިންގެ ހައްގުތަކުގެ ދިފާއުގައި ބަސްބުނެ އެ ކުދިންގެ އަބުރަށާއި ކަރާމާތައް އުނިކަމެއް އައުން ނުވަތަ އެ ކުދިންގެ ދުޅަހެޔޮ ކަމަށް ގެއްލުމެއް ވެދާނެ ކަމަށް ހުޝިޔާރުވެ ސަމާލުވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަކީ އދގެ ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑްގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއް ގޮތަށް އެކުލަވާލާފައިވާ ގާނޫނެއް ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތުގެ އިދާރާތަކުން އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ޗައިލްޑް ރައިޓްސް އޮމްބަޑްސްޕަރސަންއެއްގެ އޮފީސް ވުޖޫދަށް ގެނެސް އެ އޮފީހުން ސަރުކާރު ޒިންމާދާރުކުރުވައި ގައުމީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނެކަން ކަށަވަރުކުރުމަށް ލާޒިމްކޮށްފައިވާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.