ހަބަރު

ދިރާގުން ކުޑަކުދިންގެ ހިޔާއަށް ހަދިޔާއެއް

Nov 20, 2020

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް ބޭނުންވާ މުހިންމު ވަސީލަތް ތަކެއް ހަދިޔާ ކޮށްފި އެވެ.

ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ކުޑަ ކުދިންގެ ހިޔާއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 23 ކޮމްޕއުޓަރު ޑެސްކާއި ފަސް ކޮމްޕިއުޓަރު ސިސްޓަމް އަދި ފައިބަ 100 އެމް އިންޓަނެޓް ކަނެކްޝަންއަކާއި ދިރާގު ޓިވީ ކަނެކްޝަނެއް ހިމެނެ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އެދުމުގެ މަތިން، ދެ ލެބަށް ބޭނުންވެފައިވާ ބައެއް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދިރާގުން މީގެ ކުރިން ވެސް ކުޑަކުދިންގެ ހިޔާއަށް ހަތް ޓީވީ ކަނެކްޝަން ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން އެ ކުދިންގެ އޮންލައިން ކްލާސްތައް ހިންގުމަށް ދިރާގުން އަންނަނީ ފައިބަ އިންޓަނެޓްގެ ހިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

މި އެހީއާ ބެހޭ ގޮތުން، ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވި ގޮތުގައި ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާ އަށް ވެދެމުންދާ ދީލަތި އެހީތެރިކަން ނުހަނު އިހުލާސްތެރިކަމާއެކު ފާހަގަކުރާ ކަމަށެވެ. އެ ކުދިންގެ ކިޔެވުމަށާއި މުނި ފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީ ވަރަށް މުހިންމު ވަސީލަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ކުދިންގެ ދިރިއުޅުމުގައި ހެޔޮ ބަދަލެއް ގެނެސްދިނުމަށް ދިރާގުން ދެއްމުން ގެންދަވާ އެހީތެރިކަމަށް އޭނާ ޝުކުރު އަދާ ކުރި އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ތައުލީމާއި އަދި ކުރިއެރުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަމެއްދޭ ކަމެކެވެ. ދިރާގުން އެންމެ ފުރަތަމަ ކޮމްޕިއުޓަ ލެބް ކުޑަކުދިންގެ ހިޔާގައި ގާއިމުކުރުމަށް އެހީތެރިވެފައިވަނީ 2013 ވަނަ އަހަރު އެވެ. ހަމަ އެ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއިމްކޮށްދީފަ އެވެ. މީގެ އިތުރުން ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި" ގައި އިންޓަނެޓްގެ ހިދުމަތ ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ހަތަރު ކްލާސްރޫމް ގައި ގާއިމްކޮށްދީފަ އެވެ.