ހަބަރު

ތަރައްގީއަށް ކުރާ ހަރަދު ހަތަރުގުނަ އިތުރުވެއްޖެ: ފިނޭންސް

ތަރައްގީގެ މަޝްރޫއުތަކަށް މި ސަރުކާރުން ކުރާ ހަރަދުތަށް ވޭތުވެދިޔަ ތިން އަހަރުތެރޭގައި ހަތަރު ގުނައަށް އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ރޭ ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ މަސައްކަތް ބާރު ސްޕީޑެއްގައި ގެންދިޔުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން 2013 ވަނަ އަހަރު ތަރައްގީގެ މަޝްރޫއުތަކަށް 500 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރު ސަރުކާރުން އެ މިންވަރު އިތުރުކޮށް 1.7 ބިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލަފާކުރާ ގޮތުން މިއަހަރު ނިމޭ އިރު 2.5 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

"އެހެންވެ މިދިޔަ ކުޑަ ދުވަސް ކޮޅުތެރޭގައި ތަރައްގީގެ މަޝްރޫއުތަށް ގެންދިޔުމަށް ސަރުކާރުން ކުރާ ހަރަދުތަށް ހަތަރު ގުނަޔަށް އިތުރުވެއްޖެ ކަން އިނގެނީ. މިއީ މިސަރުކާރުން ތަރައްގީޔަށް ދޭ އަހައްމިއްޔަތުކަން ބޮޑުކަމުން ލިބުނު ކުރިއެރުމެއް،" ޖިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމިނަށް އަމާޒުކޮށް "ފިނިފެންމާ" ލޯންޗުގައި ދިން ހަމަލައާ ގުޅިގެން ސަރުކާރުގެ މަޝްރޫއުތަކަށް ބުރުލެއް ނާރާ ކަމަށާއި ސަރުކާރު އޮތީ ވަރަށް ގުޅުން ބަދަހިކޮށް ސާބިތު ކަމާއެކު އެއްޓީމެއް ގޮތު މަސައްކަތް ކުރުމުގައި ކަމަށެވެ.