ފައިސާ ދީގެން އެސައިންމަންޓު ހެދުން ގާނޫނީ ކުށަކަށް ވުމުން އެކަން ހުއްޓުވުމަށް ބާރު ލިބޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީި އެ މައްސަލަ ފެންމަތިވެ މޯލްޑިިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލު ކަމަށް ވެސް ވަނީ ގެންގޮސްފައިވާ ކަމަށެވެ.
މަޖިލީހަށް މިހާރު ހުށަހަޅައިގެން ކޮމިޓީ މަރުހަލާގައި އޮތް، މަތީ ތައުލީމާ ބެހޭ ބިލުގައި އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ހުށަހަޅާފައި ކަމަށް މިނިސްޓަރުު ވިދާޅުވި އެވެ. އެގޮތުން، އެ ބިލުގައި ކަޑެމިކް ޕްލެޖެރިޒަމް އަކީ ގާނޫނީ ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ ކަމަށާއި ގާނޫނަކަށް ވުމުން އެކަން ހުއްޓުވަން ބާރު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، ގާނޫނީ ގޮތުން ހަޔާ އެޑިއުކޭޝަނަށް ލިބެން ޖެހޭ ބާރުތައް ގާނޫނުގެ ދަށުން ލިބުނީމާ އެކަން ރަނގަޅުވެގެން ދާނެ ކަމަށެވެ.
އިތުރަށް ފާހަގަ ކުރެއްވީ، ފައިސާ އަށް އެސައިންމަންޓު ހަދަނީ ރާއްޖޭގައި އެކަމަށް ޑިމާންޑެއްވެސް އޮވެ އަދި ކޮންމެވެސް ބަޔަކު ވިޔަފާރި އުސޫލުން އެކަން ކުރާތީ އެވެ.
"ތިއީ [ފައިސާދީގެން އެސައިންމަންޓު ހެދުން] ގާނޫނީ ކުށަކަށް ހަދަން އަޅުގަނޑުމެން ބޭނުން. އަދަބު ލިބޭ ކުށަކަށް ހަދަން ބޭނުން. އެއީ އަޅުގަނޑުމެން ގަބޫލު ކުރަން އެކަމަކީ ކުށަކަށް ވާންޖެހޭ ކަމެއް ކަމަށް" މިނިސްޓަރު ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވަނީ މި މައްސަލަ މިނިސްޓްރީ އިން ވެސް ބަލަމުންގެންދާ ކަމަށް ބުނެފަ އެވެ.
އަގު ދީގެން އެސައިމެންޓް ހެއްދުމަކީ މި ފަހުން ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރަމުން އަންނަ ކަމެކެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ރާއްޖޭގެ ފަސްޓްލޭޑީ ފަޒްނާ އަހްމަދުވެސް ވަނީ މީގެ ކުރިން ގޮވާލާފަ އެވެ.