ކުޅިވަރު

އެއްވެސް ޓީމަކުން ކީޕަރު ފައިސަލް ނުފެނުނު

އަންނަ ސީޒަން ފެށަން މަހެއްހާ ދުވަސް ވެސް ބާކީ ނެތެވެ. ހުރިހާ ކުލަބަކުން ޕްރެކްޓިސް ފަށާއިފި އެވެ. ކުޅުންތެރިންގެ ޓްރާންސްފާތައް ހަދެމުން އެއްބަސްވުންތަކުގައި ސޮއި ކުރަމުން ކުލަބުތަކުން އެކަން އިއުލާން ކުރަމުން އެބަ ދެއެވެ.

މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވެސް ޓްރާންސްފާތައް ހުރީ ގާތްގަނޑަކަށް ހަމަޖެހިފަ އެވެ. ބައެއް ކުޅުންތެރިން ސޮއި ކޮށްފައި ނެތަސް ކުޅެނޭ ކުލަބުތައް ފައިނަލު ވެއްޖެ އެވެ. އެހެން ނަމަވެސް ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އާ ބެހޭގޮތުން އެއްވެސް ވާހަކައެއް މުޅިން ޔަގީން ކުރެވިފައެއް ނުވެ އެވެ.

މިދިޔަ ސީޒަންގައި އޭނާ ކުޅުނީ، ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށެވެ. ނަމަވެސް އެ ޓީމުގެ ޕްރެކްޓިހުން ފައިސަލްއެއް ނުފެނުނެވެ. އެހެން ކުލަބަކަށް ބަދަލުވީ ކަމަށް ބެލެވުނު ނަމަވެސް އެހެން ކުލަބެއްގެ ޕްރެކްޓިހުން ވެސް އޭނާ ނުފެނުނެވެ.

އެނގިފައިވާ ގޮތުގައި ފައިސަލް އަދި ވެސް ހުރީ އޭނާގެ ރަށް އދ. ފެންފުށީގަ އެވެ. މިކަމާ ބެހޭ ގޮތުން ދަ ގްރާންޑޭގެ އޮފިޝަލަކު ބުނީ، ފައިސަލް ވަރަށް އަވަހަށް ކުލަބުން ފެންނާނެ ކަަމަށެވެ. ނަމަވެސް އޭނާ ޕްރެކްޓިހަށް ނުކުނާނެ ތާރީހެއް ބުނެފައެއް ނުވެއެވެ. ފައިސަލްއަށް ގުޅުމުން އޭނާ ބުނީ މިވަގުތު މިޑީއާ އާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އަންނަ އަހަރު ގައުމީ ޓީމުގެ މުހިންމު ގިނަ މެޗުތަކެއް ކުރިމަތީގައި އެބައޮތެވެ. އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު ފުރަތަމަ ޑިވިޝަނުން ނުފެނިއްޖެނަމަ ގައުމީ ޓީމަށް ވެސް އެކަން ވާނީ ބޮޑު ޗެލެންޖަކަށެވެ.