ދުނިޔެ

ރަޝިޔާގެ ހަމަލާތަކުގައި ސީރިއާގެ 45 ހަނގުރާމަވެރިޔަކު މަރާލައިފި

ސީރިޔާ (ރޮއިޓާސް) - ރަޝިޔާއިން ސީރިޔާގައި ދިން ވައިގެ ހަމަލާތަކުގައި 45 ހަނގުރާމަވެރިޔަކޔ މަރާލައިފި ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް މިއަދު ބުނެފިއެވެ.

މި ހަމަލާތަކުގައި ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރަކުވެސް މަރުވިއެވެ. އޮބްޒަވޭޓަރީން ބުނީ ރޭގައި ރަޝިޔާއިން ދިން ހަމަލާތައް އަމާޒުކުރީ މޫދުކައިރި ސަރަހައްދެއް ކަމަށްވާ ޖަބަލް އަލް އަހްރަދަށެވެ.

މި ހަމަލާގައި މަރާލި އިދިކޮޅު ކޮމާންޑަރަކީ އިދިކޮޅު ހަނގުރާމަވެރިން އުފެއްދި މޫދުގެ ސަރަހައްދަށް ހާއްސަ ފުރަތަމަ ޑިވިޝަނުގެ ވެރިޔާއެވެ. އިދިކޮޅު ހަނގުރާމަވެރިންގެ މި ގުރޫޕަކީ ބޭރުގެ ބައެއް ގައުމުތަކުގެ އެހީއާއި އެކު ސީރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ގުރޫޕެކެވެ. މި ގުރޫޕުން ހަރަކާތްތެރި ވަނީ "ފްރީ ސީރިއަން އާމީ" ގެ ނަމުގައެވެ.

ރަޝިޔާއިން ކޮންމެ ދުވަހަކު ހެން ސީރިޔާގައި ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި ދަނޑިވަޅުގެ ބޭނުން ހިފައި އަސަދުގެ ސިފައިން ގެންދަނީ ތިރިން ވެސް ހަމަލާ ދެމުންނެވެ.