ދުނިޔެ

ބޭސް ނުލިބިގެން މަރުގެ ހުކުމް ތަންފީޒު ކުރުން އޮހައިއޯގައި ލަސްކޮށްފި

އޮހައިއޯ (ބީބީސީ) - މަރުގެ ހުކުން ތަންފީޒު ކުރުމަށް ބޭނުންވާ ލީތަލް ޑްރަގްސް ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެ އެމެރިކާގެ އޮހައިހޯ ސްޓޭޓްގައި މަރުގެ ހުކުން ތަންފީޒު ކުރުން 2017 އާއި ހަމައަށް ފަސްކޮށްފިއެވެ.

"މަރާ ބޭސް" ލިބުމުގައި އެމެރިކާ ސަރުކާރަށް ދަތިވީ މިފަދަ ބޭސް ވިއްކާ ގިނަ ކުންފުނި ތަކަކުން ސަރުކާރަށް ބޭސް ވިއްކުމާ ދެކޮޅު ހެދުމުންނެވެ.

މެރުމަށް ތާވަލު ކޮށްފައިވާ 38 ކުށްވެރިއެއްގެ ހުކުން ތަންފީޒުކުރާ ތާރީހަށް މިކަމުގެ ސަބަބުން ބަދަލުތަކެއް އަންނާނެއެވެ. އޮހައިއޯ ސްޓޭޓްގެ އޮފިޝަލުން ވިދާޅުވީ މި ލިބުނު ވަގުތުގެ ސަބަބުން އެންމެ އެކަށީގެންވާ ބޭސް ހޯދުމުގެ ފުރުސަތު އެ ސްޓޭޓަށް ލިބިގެން ދާނެ ކަމަށެވެ.

ބޭސް ލިބުމުގެ ދަތި ކަމާހެދި އެހެން ސްޓޭޓް ތަކުންވެސް ގެންދަނީ މަރުގެ ހުކުން ތަންފީޒު ކުރާނެ އެހެން ގޮތްތައް ހޯދަމުންނެވެ. މިގޮތުން އެއް ސްޓޭޓެއްގައި ބަޑި ޖަހައިގެން މެރުމަށް ފާސްކުރި އިރު، އޮކްލަހޯމާ އިން ނިންމީ ލީތަލް އިންޖެކްޝަން ނުލިބިއްޖެ ހާލަތެއްގައި ގޭސް ޗެމްބަރަށް ލައިގެން މެރުމަށެވެ.

އެމެރިކާއަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި މަރުގެ ހުކުން ތަންފީޒު ކުރުމާއި ތަންފީޒު ކުރާ ގޮތަށް ފާޑު ކިޔައި، އިންސާނީ ހައްގުތަކަށާއި އިންސާނުންގެ ކަރާމާތަށް އުނިކަން ލިބޭ ކަމަށް ބުނެ އަޑު އުފުލާ ގައުމެކެވެ.