ފިލްމީ ބަތަލާ ކަރީނާ ކަޕޫރު ދެ ވަނަ ދަރިފުޅަށް ބަލިވެ މިހާރު ބަނޑަށް ހަ މަސް ފުރިފައިވާއިރު މިފަހަރު ބަލިވެ އިނީމަ ކާ ހިތްވީ ވޮފްލްސް ކަމަށް އޭނާ ބުނެފި އެވެ. މޭޕްލް ސިރަޕް ޖަހައިގެން ވޮފްލްސް ކައިކައި ކަރީނާ މިހާރު ވަރަށް ވަށް ވެފައި ހުއްޓަސް އޭނާއަށް އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ.
ކަރީނާ އިންސްޓަގްރާމް ސްޓޯރީގައި ވޮފްލް ކާހިތްވާކަން ހާމަކުރަމުން ބުނެފައިވަނީ ކުރިޔަށް އޮތް ތިން މަހު އަދި އޭނާގެ ފޭވަރިޓް ކެއުން ކެވޭނެ ކަމަށެވެ.
ވޮފްލްސް އަޅާފައިވާ ތައްޓަކާއި މޭޕްލް ސިރަޕް ތައްޓެއް ހުރި ފޮޓޮއެއް ޝެއާ ކުރަމުން ކަރީނާ ވަނީ އެއީ އޭނާ އަސްލު ކާން ޖެހޭ ކެއުންތޯ ނުވަތަ ޗީޓް މީލެއް ތޯ ސުވާލު ކޮށްފަ އެވެ.
ދާދިފަހުން އިންޑީޔާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ކަރީނާ ވަނީ ފުރަތަމަ ދަރިފުޅު ތައިމޫރަށް ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު އޭނާ އަށް އޮޅިގެން ކެއުން ގެންގުޅެވުނު ގޮތް ކިޔައިދީފަ އެވެ.
"މީހުން ކިޔާ އުޅެއެއްނު ބަލިވެ އިނީމަ ދެ މީހުންނަށް ވާން ވަރަށް ކާން ޖެހޭނޭ. ތައިމޫރު ފަހަރު އަހަރެން ހީކުރީ އެއީ ހަމަ ތެދެއް ކަމަށް. އެހެންވެ އަހަރެން ގޮތެއްގޮތެއް ބަލާނުލާ ކޭމަ 25 ކިލޯ ބަރުވި،" ކަރީނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮންމެ ގޮތަކަށް ކެއުން ބެހެއްޓި ނަމަވެސް ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިބޭ ކަހަލަ ކެއުން ކާން ޖެހޭނެ ކަމަށެވެ.
"ބަލިވެ އިނީމަ ބައެއް ކާނާ ވަރަށް ކާހިތްވާނެ. އެހެން ނަމަވެސް ދެ މީހުންނަށް ވާވަރަށް ކެއުމުގެ ބަދަލުގައި އަހަރެންގެ ހަށިގަނޑަށް ފައިދާ ހުރި ގޮތަށް ކެއުން މުހިއްމުކަން އަހަރެންނަށް މިހާރު ވިސްނިއްޖެ،" ކަރީނާ ބުންޏެވެ.
ކަރީނާ އާއި ތައިމޫރު މިހާރު ތިބީ ދަރްމަޝާލާ ކިޔާ ފަރުބަދަމަތީގެ ވަރަށް ރީތި ރަށެއްގަ އެވެ. ކަރީނާ އެ ރަށަށް ދިޔައީ ފިރިމީހާ ސައިފް އަލީ ޚާން މިހާރު ކުޅެމުންދާ "ބޫޓު ޕޮލިޝް"ގެ ޝޫޓިން އެ ރަށުގައި ކުރިޔަށް ދާތީ ސައިފް އާއެކު ދުވަސްތައް ހޭދަކުރުމަށެވެ.
ކަރީނާ މިހާރު ސޮއިކޮށްފައިވަނީ އާމިރު ޚާން އާއެކު ކުޅޭ "ލާލް ސިންގް ޗައްޑާ" އާއި ކަރަން ޖޯހަރްގެ "ތަޚްތު"ގައި އެކަންޏެވެ. އޭގެ ތެރެއިން އާމިރުގެ ފިލްމުގައި އޭނާ ކުޅެން ޖެހޭ ބައި ވަނީ ކުޅެ ނިންމާލާފަ އެވެ. "ތަޚުތު" ވަނީ ލަސްވެފަ އެވެ. ފިލްމު ފެށޭނެ ދުވަހެއް އަދި ފެށޭނެ ކަމުގެ އެއްވެސް މައުލޫމާތެއް ވެސް ކަރަން ހާމަކޮށްފައެއް ނެތެވެ.