ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

500 އަށްވުރެ ގިނަ ޓޫރިސްޓުންނާއެކު އަޒޫރު އެއާ ދަތުރު ފަށައިފި

Nov 28, 2020

އެއް ފަހަރާ 500 އަށްވުރެ ގިނަ ޓޫރިސްޓުންނާއެކު އަޒޫރު އެއާ މިއަދު ރާއްޖެއަށް ދަތުރު ފަށައިފި އެވެ.

ރަޝިއާގެ މޮސްކޯ އިން މިއަދު އައި އަޒޫރު އެއާގެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި އެއާލައިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމާ ހަމަައަށް ދަތުރުކޮށްފަ އެވެ.

އަޒޫރުގެ ޗާޓަރު ޝެޑިއުލް ރާއްޖެ ގެންނަ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު އެއާޕޯޓުގައި ހުންނަވައިގެން މިއަދު ވިދާޅުވި ގޮތުގައި މޮސްކޯ އިން އެ ފްލައިޓް އައިސްފައި ވަނީ ފުލްކޮށް ކަމަށެވެ. މިއީ ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރި ފަހުން އެއް ފްލައިޓަކުން އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރިސޯޓް ލައިފްގެ 100 ޕަސެންޓް ރިސްކުގައި އޮޕަރޭޓް ކުރާ ޗާޓަރެއް. އަޅުގަނޑުމެން ޗާޓަރުތައް މުހިންމު ވާހަކަ ޖޫން އާއި ޖުލައި މަހުން ފެށިގެން ދައްކަން ފަށައިފިން. ރިސޯޓް ލައިފުން އަބަދު ވެސް މަސައްކަތް ކުރަނީ ވޮލިއުމް ވިޔަފާރިއަށް. މިގޮތަށް ކުރި މަސައްކަތުން ފެށި ފްލައިޓެއް މިއީ،" ވަލީދު ވިދާޅުވި އެވެ.

މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރު ކުރަމުން ގެންދާ އަޒޫރު އެއާގެ ބޮއިން 777 ގެ ފްލައިޓުން މިއަދު ރާއްޖެއަށް 530 މީހުން އައިސްފައިވެ އެވެ. އޭގެ ތެރޭގައި 500 އަށްވުރެ ގިނަ ޓޫރިސްޓުން ވެސް ހިމެނެ އެވެ.

ވަލީދު ވިދާޅުވި ގޮތުގައި މި ފްލައިޓް ރާއްޖެއަށް ފެށުމަށްޓަކައި ރާއްޖޭގެ ގިނަ ރިސޯޓު ތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނެވެ.

"މި ފްލައިޓް މިހާރު ހަފުތާއަކު މި އަޅަނީ އެއް ފްލައިޓް. އެކަމަކު ފްލައިޓުގެ އަދަދު ދެ ފްލައިޓަށް ބަދަލު ވާނެ،" ވަލީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުޒޫރު އެއާގެ އިތުރުން އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ރަޝިއާ އާއި ޔޫކްރެއިން އަދި ކަޒަކިސްތާން ހިމެނޭ ގޮތަށް އެ ކުންފުނީގެ 14 ޗާޓަރު ފްލައިޓް ބާއްވާނެ ކަމަށެވެ.

"ގާތްގަނޑަކަށް 120 މިލިއަން ޑޮލަރުގެ ވިޔަފާރި މި އަންނަ މުއްދަތާ ހަމައަށް ރާއްޖެއަށް މި ފްލައިޓު ތަކުން ވަންނާނެ. މިއީ މި ފަދަ ޕެންޑެމިކް އަކަށް ބަލާއިރު ރަނގަޅު އަދަދެއް. މި ހުރިހާ މީހުންނަކީ ވެސް ރިސޯޓް ލައިފުން ބުކް ކޮށްގެން އަންނަ މީހުން،" ވަލީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން މީހުން އައިސްފައި ވަނީ ރަޝިއާއިންނެވެ. މިހާތަނަށް ރަޝިއާއިން 14,855 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.