ހަބަރު

ފުލުހުންގެ ތަހުގީގު ހާމަ ކުރަން އެދެފި

Nov 29, 2020

އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެން އާއި އެ ޖަމިއްޔާއަށް ތާއީދުކުރި އުތެމާ އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ފުލުހުން ހިންގާފައިވާ ތަހުގީގު ސިއްރު ކުރަން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ރައްޔިތުންގެ އިއްތިހާދުން ގޮވާލައިފި އެވެ.

އެ އިއްތިހާދުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި އެމްޑީއެންގެ މައްސަލައާއި އޭގެ ފަހުން އެމްޑީއެންގެ ރިޕޯޓަށް ތާއީދުކޮށް، އަދި ޒިނޭ ހުއްދަ ކުރުމާއި، އެނޫން ވެސް އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު އެތައް ކަމެއް ހިމަނައިގެން ރިޕޯޓުތައް ނެރެފައިވާ އުތެމަގެ ފައުންޑަރުންނަށް ފިޔަވަޅު އެޅުމަށް އެދި މިމަހު ޕްރޮސެކިއުޓާ ޖެނެރަލްއާ ބައްދަލު ކުރި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި، ޕީޖީ ލަފާ ދެއްވީ އެކަމާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ބަލައި ހޯދުމަށް ފަހު، ފުލުހުން ދޭ ޖަވާބާއި ލިޔެކިއުންތަކާއެކު ޕީޖީ އަށް ހުށައަޅަން ކަމަށެވެ.

އެ މައުލޫމާތު ހޯދުމަށް ފުލުހުންނަށް ހުށަހެޅި ކަމަށާއި ނަމަވެސް، ދީނާއި ހިލާފު ރިޕޯޓު ލިޔުނު ޖަމާއަތާއި އޭގައި ބައިވެރިވި މީހުންގެ ތަހްގީގުގެ ތަފުސީލުތައް ހާމަ ކޮށްފައިނުވާ ކަމަށް އިއްތިހާދުން ވަނީ ބުނެފަ އެވެ. އެހެން ކަމުން އެއީ ދިވެހި ރައްޔިތުންނާއި ގުޅިފައި އޮތް ކަމަކަށްވާއިރު އެ މައުލޫމާތު ސިއްރު ނުކޮށް އެކަން ހާމަކުރަން ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.