އައިޝަތު ނަހުލާ

ފްލައިން ސްކޫލަށް ފިޔަވަޅު އަޅާނަން: ނަހުލާ

އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުން އެތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭއިންސާފުން ކަންކަން ކުރަމުންދާ ކަމަށާ އެ ކަމަށް ފިޔަވަޅު އަޅާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާމެދު އެތަނުން ވަރަށް ބޮޑަށް ތަފާތުކޮށް ބައެއް ކުދިން ވަކިކޮށް ހަދަމުން ދެއެވެ. އެކަމުގެ ކަންބޮޑުވުންތައް ދަރިވަރުން ފާޅުކުރަމުން ގެންދާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ.

މިއަދު މިނިސްޓަރު ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުން އެތަނުގައި ކިޔަވައި ދަރިވަރުންނަށް ބޭއިންސާފުން ކަންކަން ކުރަމުންދާ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކަންކަން ހައްލު ކުރުމަށް ކަމަށާ ނަމަވެސް މިދަނޑިވަޅުގައިވެސް އެތަނުން އަމަލުކުރާ ގޮތަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި އިހުމާލުވާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއި މެދު ބޭއިންސާފުން އަމަލު ކުރެވެމުން ދާތީ އެކަން ކުށްވެރި ކުރަން. ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއި މެދު ބޭއިންސާފުން އަމަލު ކުރެވެމުން ދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" ނަހުލާ ވިދާޅުވިއެވެ.

ފްލައިން ސްކޫލުން އެތަނުގައި ކިޔަވައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަމަލު ކޮށްފައިވާތީ އެ ސްކޫލާމެދު ފިޔަވަޅު އެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ނިންމާފައެވެ.

އެ މިނިސްޓްރީން އެކަން ހާމަކޮށް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި، ދިގުލާ މައްސަލަ ދަރިވަރުންނާއި، ބެލެނިވެރިންގެ އިތުރުން އެ އެކަޑަމީގެ ސްޓޫޑެންޓް ޔުނިއަންގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކަކީ އެކަޑަމީ އޮޑިޓްކުރުމަށްފަހު މިދިއަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާއިރު، އެ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

"...ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމަމެވެ،" ހަޔާ އެޑިއުކޭޝަނުން ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ އެކަޑަމީގައި ސަރުކާރުން ލޯނު ދީގެން ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްވެސް ހިމެނޭތީ، އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން، މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހަދައި، ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ

"މި ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލްނުކުރެވޭނެކަންވެސް އެ ފަރާތަށްވާނީ އަންގާފައި،" ބަޔާނުގައި ބުންޏެވެ.

އަދި ސިވިލް އޭވިއޭޝަނުން ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމުގެ އިތުރުން، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށްވެސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. މީގެ އިތުރުން، ދަރިވަރުންގެ އަތުން ފީ ނަގަމުންދަނީ މަނިޓަރީ ގަވާއިދާ ހިލާފަށް ބޭރު ފައިސާއިން ކަމަށްވާތީ އެކަން ނުކުރުމަށްވެސް މިނިސްޓްރީން އަންގާފައިކަމަށް ބުންޏެވެ.

"މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނަކީ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ބަލަދުވެރި ފަރާތްތަކަމުން، އެއްވެސް ދަރިވަރެއްގެ ހައްގެއް ގެއްލުމަކީ މިމިނިސްޓްރީއަށް ގަބޫލުކުރެވޭނެކަމެއް ނޫން،" އެ ބަޔާނުގައިވެ އެވެ.