ޓެކްނޯލޮޖީ

މައިކްރޮސޮފްޓް ޓީމްސް މިއަދު އެތައް ބަޔަކަށް ބޭނުންމެއް ނުކުރެވޭނެ

އިންޓަނެޓް އެކްސްޕްލޯރާ 11 އާ ހެދި މައިކްރޮސޮފްޓް ޓީމްސްގެ ހިނގުން މިއަދު ހުއްޓޭނެ އެވެ. ކުންފުނިތަކުގެ ހިންގުން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ގަތާލައިގެން ތިބި މެނޭޖަރުންނަށް، މިއީ ހިތާމަވެރި ދުވަހަކަށް ވެސް ވާނެ އެވެ. މި އުނދަގޫ މިއަދު ތަހަންމަލުކުރާ މީހުންގެ އަދަދު މިލިއަން ފަހަނައަޅާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. މި ތުރާ ޖެހޭނީ އިންޓަނެޓް އެކްސްޕްލޯރާ 11 މެދުވެރިކޮށް ޓީމްސް ބޭނުންކުރާ މީހުންނަށެވެ.

މައިކްރޮސޮފްޓުން ހަނދާން ކޮށްދިން ދުވަސް މިއޮތީ އައިސްފަ އެވެ. އިންޓަނެޓް އެކްސްޕްލޯރާ 11 ގައި މައިކްރޮސޮފްޓްގެ ޒަމާނީ "ވެބް ޚިދުމަތްތައް" ނުހިންގޭނެކަން ދުރާލައި ވަނީ ހަނދާކޮށްދީފަ އެވެ. އެހެން ނަމަވެސް، އަދު ނޫން މަދާމާއަށް ފަސް ކުރުމުން މިއަދު މިއޮތީ ކުންފުނީގެ ހިންގުން މަޑުޖައްސާލަން ޖެހިފަ އެވެ.

މި ވަގުތަށް ދެން އޮތް ހައްލަކީ "މައިކްރޮސޮފްޓް އެޖް" ބޭނުން ކުރަން ފެށުމެވެ. މައިކްރޮސޮފްޓްގެ ވެބް ހިދުމަތްތައް ހޯދާ މީހުން، އިންޓަނެޓް އެކްސްޕްލޯރާ 11 ދޫކޮށް، އެޖަށް ބަދަލުވާން މައިކްރޮސޮފްޓުން އެތައް ފަހަރަކު ހަނދާން ކޮށްދިނެވެ.

އިންޓަނެޓް އެކްސްޕްލޯރާ 11 ދޫކޮށްލަން ބޭނުން ނޫން ނަމަ، ދެން ވެސް އޮތީ ބިރުވެރި ވާހަކައެކެވެ. މައިކްރޮސޮފްޓް 365 ވެބް އެޕްލިކޭޝަންތައް، އޮގަސްޓް 17، 2021 އަށް ފަހު، އިންޓަނެޓް އެކްސްޕްލޯރާ 11 ގައި ނުހިންގޭނެކަން "ދަވިންޑޯޒްކްލަބް" ގައި ބުނެފައި އެބަ އޮތެވެ.

އިންޓަނެޓް އެކްސްޕްލޯރާ 11 އިން ނުހުޅުވޭ ވެބްސައިޓްތައް ވެސް މިހާރު އަންނަނީ ގިނަވަމުންނެވެ. އެއިން ވެބްސައިޓަކަށް ވަންނަން އެދުމުން އަރާ މެސެޖަކީ "ތިޔަ ވެބްސައިޓް ހުޅުވަން އެދޭ ނަމަ އެޖް ބޭނުން ކުރައްވާ" ށެވެ. މި ނަސޭހަތާ އެކު ދެން ފެންނާނީ ފަރުދާގެ ފަހަތުން އެޖް ހުޅުވިގެން އަންނަ މަންޒަރެވެ.

އިންޓަނެޓް އެކްސްޕްލޯރާ 11 ގައި ނުހުޅުވޭ ވެބްސައިޓްތަކުގެ އަދަދު ލަސްތަކެއް ނުވެ 1000 ފަހަނައަޅާނެ ކަމަށް ބެލެވިފައި ވާއިރު، ޔޫޓިއުބް، އިންސްޓާގްރާމް އަދި ޓްވިޓާ ވެސް – އިންޓަނެޓް އެކްސްޕްލޯރާ 11 ގައި ދުވަސްކޮޅަކުން ނުހުޅުވޭނެ އެވެ.