އޮސްޓްރޭލިއާ ސިފައިންގެ މީހަކު އަފްޣާން ކުއްޖެއްގެ ކަރުގައި، ލޭ ހުރި ވަޅިއެއް ޖައްސާފައި ހުރި މަންޒަރު ސިފަ ކޮށްދޭ ފޮޓޯއެއްގެ މައްސަލާގައި، ޗައިނާއިން މާފަށް އެދުމަށް އޮސްޓްރޭލިއާ އިން އަންގައިފި އެވެ. މި ފޮޓޯ ޓްވީޓާގައި ޕޯސްޓްކޮށްފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން، ޒައޯ ލިޖިއަންގެ ރަސްމީ ޓްވީޓާ އެކައުންޓްގަ އެވެ.
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު، ސްކޮޓް މޮރިޝަން ކޯފާވެވަޑައިގެން މީޑިއާ ބްރީފިންގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައި ހުރި ޚިލާފުތައް ނައްތާ ނުލެވިގެން އުޅެނިކޮށް، ޗައިނާ އިން އަލިފާނަށް ދަރުއަޅައިފި ކަމަށެވެ.
"މިއީ ޗައިނާއިން ލަދުގަނަން ޖެހޭ ވަރުގެ ކަމެއް،" މޮރިސަން ވިދާޅުވި އެވެ. "މިއީ އެއްވެސް ކަމަކާ އަޅުވައި ކިޔޭ ވަރުގެ އަމަލެއް ނޫން"
އޮސްޓްރޭލިއާ ސަރުކާރުން މިހާރު ވަނީ މި ފޮޓޯ ނަގައި ދިނުމަށް ޓްވީޓާގައި ރަސްމީކޮށް އެދިފަ އެވެ.
އޮސްޓްރޭލިއާ ސިފައިންގެ ބަޔަކު އަފްޣާނިސްތާންގައި 39 މީހަކު މަރާފައިވާ ކަމަށް މިނިވަން ރިޕޯޓެއްގައި ބުނެފައި ވެއެވެ. މިއީ ހިނގާފައިވާ ކަމެއްކަން އޮސްޓްރޭލިއާ ސަރުކާރަށް ވެސް ވަރަށް ރަނގަޅަށް އެނގެ އެވެ.
ސްކޮޓް މޮރިސަން ދެއްކެވި ވާހަކަތަކަށް ކޮމެންޓެއް އޮތްތޯ، ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްވުމަން، ވާ ޗުނިޔެން އަށް ދެންނެވުމުން ވިދާޅުވީ، އޮސްޓްރޭލިއާ ސިފައިން، ކުށެއް ނެތް އަފްޣާން ރައްޔިތުން މަރާއިރު، ލަދުގަންނަން ޖެހޭނީ އޮސްޓްރޭލިއާ ސަރުކާރު ކަމަށެވެ.
"ޒައޯ ލިޖިއަން ކުރެއްވި ޓްވީޓުން ދައްކައި ދެނީ މީހުންގެ ރުޅިވެރިކަން" ނޫސް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން، ޗުނިޔެން ވިދާޅުފި އެވެ. "ޓްވިޓާއިން އެ ފޮޓޯ ނެގުމާ ނުނެގުމަކީ، އޮސްޓްރޭލިއާ ސަރުކާރާއި ޓްވީޓާ އާ ދެމެދުގައި އޮތް ކަމެއް،"
އޮސްޓްރޭލިއާ އާއި ޗައިނާގެ ގުޅުން ހަރާބުވެގެން އުޅެނީ، ކޮރޯނާވައިރަސް އުފެދިގެން އައި ގޮތް ޗައިނާ އަށް ނިސްބަތްކޮށްފައި ވާތީ އެވެ. އަދި އެއީ ބައިނަލްއަގްވާމީ ޖަމާއަތަކުން ބަލައި ތަހުގީގު ކުރަން ޖެހޭ ކަމެއް ކަމަށް އޮސްޓްރޭލިއާއިން ގޮވާލާފައި ވާތީ އެވެ.